10 Nov 2014, 18:24
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައި މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ފައިސާ ހިމަނާފައި ނުވާނެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓަރު އެހެން ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީގައި އެމަނިކުފާނަށް މެމްބަރުން އަމާޒު ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު މިނިސްޓަރާ ސުވާލު ކުރެއްވީ އަންނަ އަހަރުގެ ބަޖެޓުގައި ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަށް ހިމަނާފައިވާނެތޯ އެވެ. އެ ސުވާލުގެ ޖަވާބުގައި ޖިހާދު ވިދާޅުވީ ސިވިލްސާވަންޓުންގެ މުސާރަ ބޮޑު ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނާފައި ނުވާނެ ކަމަށެވެ.
އައު ޓެކްސްއެއްގެ ގޮތުގައި ގްރީން ޓެކްސް ނަގާތީ ބަޖެޓް ކޮމެޓީގެ މެމްބަރުން އެކަމާ ކަންބޮޑުވުން ފާޅު ކުރުމުން، މިނިސްޓަރު ޖިހާދު ވިދާޅުވީ ގްރީން ޓެކްސްގެ މައްސަލައާ ދޭތެރޭ މިނިސްޓްރީން ވިސްނާނެ ކަމަށާއި އަދި އިކޮނޮމިކް ކޮމިޓީއާ ވެސް އެ މައްސަލާގައި މަޝްވަރާ ކުރައްވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ދައުލަތުގެ ބަޖެޓް އަރަނި ކުރެވޭނީ ސަރުކާރު ހުށަހަޅާފައިވާ ބޮޑެތި މަޝްރޫއުތައް ތަންފީޒު ކުރެވިގެން ކަމަށެވެ.
"ދަރަނި އަދާކުރެވޭނީ ދައުލަތުގެ އާމްދަނީ ސާޕްލަސް ވެގެން. އެއަށްފަހު ފްރެޝް ބަޖެޓްއަކާގެން ދެވޭނީ. މިސަރުކާރުގެ މޭޖާ ޕްރޮޖެކްޓްސް ތަންފީޒު ވެއްޖެ ކަމަށް ވަނީނަމަ ފްރެޝް ބަޖެޓްއަކަށް އާދެވޭނެ" ޖިހާދު ވިދާޅުވި އެވެ.
މިއަދުގެ ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި ބައެއް މެމްބަރުންވަނީ އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓްގައި ތެލުގެ ބާވަތްތަކުން ޑިއުޓީ ނަގާތީ އެކަމާ ކަންބޮޑުވުންފާޅުކޮށްފަ އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ޖިހާދު މިއަދުގެ ކޮމެޓީއެއް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކޮށްް ހުށައަޅަފައިވަނީ 24.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރުގެ ބަޖެޓުގެ 65 ޕަސެންޓް ހަރަދުވާނީ ރިކަރަންޓް ހަރަދަށެވެ. އެއީ 15.8 ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރުގެ ދައުލަތުގެ ކެޕިޓަލް ހަރަދުގެ ބޮޑު ބައެއް ހޭދަވާނީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)އަށާއި ދައުލަތުން ނަގާފައިވާ ލޯނުތައް ދެއްކުމަށް ކަމަށެވެ.