10 Nov 2014, 17:52
ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މަގާމުން ދުރުކުރުމަށްޓަކައި، އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާނެ ކަަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.
އެމްޑީޕީ އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިްންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ނައިބު ލީޑަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ފޮރިން މިނިސްތަރުގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ނިންމާފައި ވަނީ މިއަދު ބޭއްވި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ބައްދަލުވުމުގައި ކަމަށެވެ.
"ފަހެއް ނޮވެމްބަރު ވީ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ރާއްޖޭގެ ހާރިޖީ ވަޒީރު ދުންޔާ މައުމޫން ވަޑައިގެން އެކަމަނާ ރައްޔިތުންގެ މަޖިލީހުގެ ފްލޯގައި އިތުރުފުޅު ހައްދަވައި އަދި ގަސްތުގައި ގާނޫނާއި ހިލާފު ވެވަޑައުގެފައި ވާތީ މި މައްސަލާގައި އެމްޑީޕީގެ ޕަލަމެންޓްރީ ގުރޫޕުން މިއަދު ނިންމާފައި ވަނީ ހާރިޖީ ވަޒީރު ދުއްޔާ މައުމޫންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓަކަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް" އިންތި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފޮރިން މިނިސްޓަރުގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ އިތުރުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙް މުހައްމަދަށް ވެސް ހުށަހަޅަން އެ ޕާޓީގެ ޕީޖީ ގުރޫޕުން ނިންމާފައިވާ ކަމަށެވެ. އެގޮތުން އިންތި ވިދާޅުވީ ފޮރިން މިނިސްޓަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޔާޒުތަކާއި ބާރުތަކުގެ ގާނޫނާއި ހިލާފަށް މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ. އެހެން ކަމުން އެ މައްސަލަ ތަހުގީގު ކުރުމަށް ޕީޖީ އަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުން އެދިވަޑައިގެންނަވާނެ ކަމަށް އިންތި ވިދާޅުވި އެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕުން ފޮރިން މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަލަން މިއަދު ނިންމި ނަމަވެސް އެ މައްސަލަ މަޖިލީހަށް ހުށހަޅާނެ ވަކި ތާރީހެއް ވިދާޅެއްނުވެ އެވެ. އެހެން ނަމަވެސް އެ ޕާޓީގެ ޕީޖީ ގުރޫޕުން ދެން އެންމެ އަވަހަށް ބާއްވާ ޕީޖީ ބައްދަލުވުމެއްގައި މައްސަލަ މަޖިލީހަށް ހުށަހަޅާނެ ތާރީހެއް ނިންމާނެ ކަަމަށް އިންތި ވިދާޅުވި އެވެ.
ފޮރިން މިނިސްޓަރު މަގާމުން ދުރުކުރުމަށްޓަކައި އެމްޑީޕީއިން މަޖިލީހަށް ހުށަހަޅަން އުޅޭ އިތުބާރު ނެތް ކަމުގެ މައްސަލަ ކާމިޔާބު ނުވާނެކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު މިއަދު ވަނީ ވިދާޅުވެފަ އެވެ.
އަދީބް ވިދާޅުވީ ސަރުކާރު ކޯލިޝަނާއި ކެބިނެޓް ވެސް އޮތީ އެއް ޓީމެއްގެ ގޮތުގައި ގޮންޖެހުންތަކަށް ކުރިމަތިލައި މަސައްކަތް ކުރަން ތައްޔާރަށް ކަމަށެވެ.
"ފޮރިން މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގަން އުޅެތަން އެބަފެނޭ، ނަމަވެސް އެކަމަކީ އަޅުގަނޑުމެންގެ ޕާލަމެންޓްރީ ގުރޫޕަކުން، ޕީޕީއެމްއެމް އަދި ޖޭޕީ އަދި އެމްޑީއޭ ކޯލިޝަނުން ވެސް އެކަން ވިޔަ ނުދޭނަން، އަޅުގަނޑުމެން މިތިބީ އެއްޓީމެއްގެ ގޮތުގައި،" އަދީބް ވިދާޅުވި އެވެ.
ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވީ ދުންޔާއާ ގުޅޭ ގޮތުން އިދިކޮޅ ފަރާތްތަކުން ފަތުރަމުންގެންދަނީ ދޮގު ވާހަކަތަކެއް ކަމަށާއި އެކަން ޗައިނާއާއި އިންޑިއާ ސަރުކާރަށް އަންގާފައިވާނެ ކަމަށެވެ. އަދި އެ ދޮގު ވާހަކަތަކަށް އިދިކޮޅު ފަރާތްތަކުން ޖަވާބުދާރީވާންޖެހޭނެ ކަމަށް މުންދު ވިދާޅުވި އެވެ.