10 Nov 2014, 17:10
ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ ސަރުކާރުގެ ފުރަތަމަ އަހަރު ދުވަހުގެ ތެރޭ 16 މީހެއްގެ ކިޑްނީ ސަރުކާރުގެ އެހީގައި ބަދަލުކޮށްދީފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ޕީޕީއެމް ސަރުކާރުގެ ފުރަތަމަ އަހަރު ދުވަސް ތެރޭ ހެލްތު މިނިސްޓްރީން ކޮށްފައި ހުރި މަސައްކަތްތާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، އެ މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ ސިއްހީ އިންޝިއުރެންސް ސްކީމްގެ ދަށުން މިހާތަނަށް 16 މީހެއްގެ ކިޑްނީ ބަދަލުކޮށްދީފައިވާއިރު، ޑަޔަލިސިސްފަރުވާ ބޭނުންވާ 674 މީހަކަށް 296،285 ރުފިޔާ ހަރަދު ކޮށްފައިވާނެ ކަމަށެވެ.
ސިއްހީ އިންޝިއުރެންސް ސްކީމްގެ ދަށުން ކިޑްނީ ފެއިލްވެފައިވާ މީހުންނަށް ކިޑްނީ ޓްރާންސްޕްލާންޓް ކުރެވެންދެން ބޭނުންވާ ޑައިލިސިސްގެ ހިދުމަތަށް ހިނގާ ހުރިހާ ހަރަދެއް ހަމަޖައްސައިދެ އެވެ. އަދި ކިޑްނީ ފެއިލްވެފައިވާ މީހުންނަށް ކިޑްނީ ދޭނެ ޑޯނަރެއް ހަމަޖެއްސުމުން ކިޑްނީ ޓްރާންޕްލާންޓްގެ ހުރިހާ ހަރަދެއް ވެސް އެ ސްކީމްގެ ތެރެއިން ހަމަޖައްސައިދެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނާޒިމް ވިދާޅުވީ އާސަންދައިން ބޭސްފަރުވާ ކުރުމަށް ރާއްޖޭން ބޭރަށް ކުރަންޖެހޭ ހަރަދުގެ ތެރެއިން 16 ޕަސެންޓް ވަނީ ހަރަދުކޮށްފައި ކަމަށެވެ. އެގޮތުން ސެޕްޓެމްބަރުގެ ނިޔަލަށް 78.8 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ އާސަންދައިގެ ދަށުން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން މިހާރު ދައްކަން ހުރީ 170 މިލިއަން ރުފިޔާ ކަމަށެވެ.
"އަޅުގަނޑުމެންނަށް މިހާރު މި ވަނީ ދައްކަންޖެހޭ ފަރާތްތަކަށް ދެއްކި އަޅުގަނޑުމެންނަށް އެކަން ކުރެވިފައި. އަދި ކުރިއަށް އޮތް ތަނުގައި އެ ފައިސާ ދައްކައި ނިންމާނަން،" ނާޒިމް ވިދާޅުވި އެވެ.
ސަރުކާރުގެ ހުރިހާ ސިއްހީ މަރުކަޒުތަކަކަށް އާސަންދަ ހިދުމަތް ދެމުން ގެންދާއިރު 122 ފާމަސީ އަކަށާއި 14 އޮޕްޓިކަލްސް އަކުން އާސަންދަ ހިދުމަތް ލިބޭނެ ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ. އަދި ޕްރައިވެޓް ފަސް ހޮސްޕިޓަލަކާއި ޕްރައިވެޓް 20 ކްލިނިކަކަށް އާސަންދަ ހިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އިންޑިއާގެ 14 ހޮސްޕިޓަލަކާއި ލަންކާގެ ހަ ހޮސްޕިޓަލަކުން އާސަންދަ ލިބޭނެ ކަމަށެވެ.