މާލޭ އާއި އަތޮޅު ތެރޭގައި ލޮލު ރޯގާ ފެތުރެމުންދާ ކަމަށާއި އެ ބައްޔަށް އާއްމުން ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭގެ ހެލްތް ޕްރޮގްރާމް އޮފިޝަރު ފާތުމަތު ރަޝީދާ މިއަދު "ސަން"އަށް ވިދާޅުވީ މި ދުވަސްވަރު މާލެ އާއި އަތޮޅު ތެރޭގައި ލޮލުރޯގާ ޖެހިގެން ރިޕޯޓް ކުރަމުން އަންނަ އަދަދު އިތުރުވަމުންދާ ކަމަށެވެ. އެގޮތުން މުޅި ރާއްޖެ އިން އެވްރެޖްކޮށް 100 އެއްހާ މީހުން ހަފްތާއެއްގެ މައްޗަށް ލޮލުރޯގާ ޖެހިގެން ރިޕޯޓް ކުރަމުން އަންނަ ކަމަށް ވެސް ރަޝީދާ ވިދާޅުވި އެވެ.

"ލޮލުރޯގާ ޖެހިގެން ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ވެސް ދަނީ ރިޕޯޓް ކުރަމުން، ވަކިން ހާއްސަކޮށް މިވެނި ސަރަހައްދެއްގައި އެ ރޯގާ އިތުރޭ ދަންނަވާކަށް ނޭނގޭ،" ރަޝީދާ ވިދާޅުވި އެވެ.

މި ދުވަސްވަރު މާލެ އާއި އަތޮޅު ތެރޭގައި ލޮލު ރޯގާ ޖެހޭ އަަދަދު އިތުރުވަމުންދާތީ އެޗްޕީއޭ އިން ވަނީ އެލާޓް ނެރެފަ އެވެ.

އެ ބަލި ޖެހުމުން ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުމަށް ސަމާލުވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އެ ބައްޔަކީ ފަސޭހަ އިން ގައިން ގަޔަށް އަރާ ބައްޔަކަށް ވާތީ ބަލި ޖެހިފައިވާ މީހުން އާއްމުންގެ ތެރެއަށް ނުކުމެ ނޫޅުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.