އިސްލާމިކް މިނިސްޓްރީގެ ފަންޑުތަކަށް އެސްއެމްއެސް މެދުވެރިކޮށް ފައިސާ ހަދިޔާ ކުރެވޭނެ ގޮތް ހަމަޖައްސައިފި އެވެ. އެސްއެމްއެސް މެދުވެރިކޮށް އިސްލާމިކް މިނިސްޓްރީގެ ފަންޑުތަކަށް ފައިސާ ހަދިޔާ ކުރެވެނީ ހަމައެކަނި އުރީދޫ ކަސްޓަމަރުންނަށެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެސްއެމްއެސްގެ ޒަރިއްޔާ އިން ހުޅުވާލި އެ ހިދުމަތުގެ އެހީގައި ތިން ފަންޑަކަށް ފައިސާ ޖަމާ ކުރެވޭނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިސްކިތު ފަންޑާއި މުސްހަފު ޗާޕު ކުރުމަށް އެހީތެރިކަން ފޯރުކޮށް ދޭ ފަންޑާއި ދީނީ ހޭލުންތެރިކަން އިތުރުކުރަން ކުރާ މަސައްކަތަށް ފައިސާ ހޯދާ ފަންޑަށް އުރީދޫ ކަސްޓަމަރުންނަށް ފައިސާ ހަދިޔާ ކުރެވޭނެ ކަމަށެވެ.

އުރީދޫގެ ސީނިއާ ސްޕެޝަލިސްޓް ޕަބްލިކް ރިލޭޝަންސް މަރިޔަމް އަހުމަދު ދީދީ ވިދާޅުވީ މިއަދުން ފެށިގެން އުރީދޫ ކަސްޓަމަރުންނަށް އިސްލާމިކް މިނިސްޓްރީގެ ފަންޑުތަކަށް އެސްއެމްއެސްގެ ޒަރިއްޔާއިން ފައިސާ ހަދިޔާ ކުރެވޭނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ ފަންޑުތަކަށް ފައިސާ ހަދިޔާ ކުރުމަށް އުރީދޫ ކަސްޓަމަރުން ބޭނުން ކުރާނެ ކޯޑަކީ ސްޓާ ފަހެއް ތިނެއް ފަހެއް ހޭޝް (#535*) އެވެ.