10 Nov 2014, 21:59
ވޮޝިންޓަން (ނޮވެމްބަރު 10): އީރާނުގެ ނިއުކްލިޔާ މައްސަލަ ޙައްލުކުރުމުގެ ގޮތުން ކުރިޔަށްގެންދާ ވާހަކަތަކަށް އަހަރެއް ވެފައިވާއިރު އީރާނާއި ހުޅަނގުގެ ބާރުތަކާ ދެމެދުގައިވާ ޚިލާފްތައް އަދިވެސް ވަރަށް ބޮޑުކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ޓީވީ ނެޓްވާކެއް ކަމަށްވާ ސީބީއެސް އަށް ދެއްވި ބަސްދީގަތުމެއްގައި އޮބާމާ ވިދާޅުވީ އީރާނާއި ހުޅަނގުގެ ބާރުތަކާ ދެމެދު އުމާނުގެ ވެރިރަށް މަސްގަތުގައި އިއްޔެ ފެށި ވާހަކަތަކަކީ މިމަހުގެ 24ގެ ކުރިން ނިއުކްލިޔާ މައްސަލާގައި ދެފަރާތުގެ ދެމެދުގައި އެއްބަސްވުމަކަށް އައުމުގެ މަގްސަދްގައި ފެށި ވާހަކަތަކެއް ކަމުގަ އެވެ. ނަމަވެސް މިވާހަކަތައް ކާމިޔާބު ވާނެކަމުގެ އުންމީދު ކުޑަކަމަށް އޮބާމާ ވިދާޅުވި އެވެ. އެމެރިކާއާއި ހުޅަނގުގެ ބާރުތަކުގެ ލަނޑުދަނޑިއަކީ އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމަކީ ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ޕްރޮގްރާމެއް ނޫންކަން ކަށަވަރުކުރުން ކަމަށާއި ނަމަވެސް މިކަން ޙާސިލް ނުވާކަމަށާއި އަދި މިކަން އަވަސް ފުރްސަތެއްގެ ތެރޭގައި ޙާސިލް ކުރެވިދާނެކަމުގެ އުންމީދު ވެސް ކުޑަކަމަށް އޮބާމާ ވިދާޅުވި އެވެ.
ނިއުކްލިޔަރ ވާހަކަތަކުގެ އައުބުރެއް ފެށުމުގެ ގޮތުން އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީއާއި އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް އިއްޔެވަނީ މަސްގަތުގައި ބައްދަލުކުރައްވާފަ އެވެ. މިވާހަކަތައް ފެށުމުގެ ކުރިން ދެއްވި ބަޔާނެއްގައި ކެރީ ވަނީ އީރާނުގެ ނިއުކްލިޔަރ މައްސަލަ ޙައްލު ކުރުމަށް މިމަހުގެ 24 ގެ ކުރިން އެމެރިކާއާއި ހުޅަނގުގެ ބާރުތަކާދެމެދު އެއްބަސްވުމަކަށް ނާދެވިއްޖެނަމަ ދެން އެއްބަސްވުމަކަށް އައުން އުނަދަނގޫ ވާނެކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.
ކެރީގެ ވާހަކަތަކަށް ރައްދު ދެމުން އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެފައިވަނީ ވާހަކަތައް ކޮޅެއްގައި ޖެއްސުމަށް އީރާން އަވަސް އަރައިގަނެގެން ނޫޅޭކަމަށާ ނަމަވެސް މިމަހުގެ 24 ގެ ކުރިން އެއްބަސްވުމަކަށް އައުމަށް އުންމީދު ކުރައްވާ ކަމުގަ އެވެ. އީރާނާއި ހުޅަނގުގެ ބާރުތަކާދެމެދު ދައްކަމުންގެންދާ އީރާނުގެ ނިއުކްލިޔަރ ވާހަކަތައް ކޮޅެއްގައި ޖައްސައި މިކަމާބެހޭ އެއްބަސްވުމެއް ދެފަރާތުން ސޮއިކުރުމަށް ކުރިން އެއްބަސްވެފައިވާ ސުންގަޑިއަކީ މި ނޮވެމްބަރު މަހުގެ 24 އެވެ. އީރާނުގެ ނިއުކްލިޔަރ މައްސަލަ ހައްލުކުރަން ހުޅަނގުން ބޭނުންވަނީ ޔޫރޭނިޔަމް ފައްކާކުރުމުގެ ހުރިހާ ހައްގަކުން އީރާން މަހްރޫމް ކޮށްގެންނެވެ. ސަބަބަކީ ޔޫރޭނިޔަމް ފައްކާކުރުމަކީ ބޭނުންވެއްޖެ ހިނދެއްގައި ނިއުކްލިޔަރ ބޮމެއް އުފެއްދުމުގެ ފުރްސަތު އީރާނަށް ލިބިގެންދާނެ ކަމެއް ކަމަށްވާތީ އެވެ.
ނަމަވެސް ނިއުކްލިޔަރ ފެތުރުން މަނާކުރާ މުޢާހަދާގެ ދަށުން މަނާވަނީ ނިއުކްލިޔަރ ބޮމާއި އެނޫންވެސް ނިއުކްލިޔަރ ހަތިޔާރު އުފެއްދުން ކަމަށްވެފައި ޔޫރޭނިޔަމް ފައްކާކުރުމަކީ މަނާކަމަކަށްނުވާތީ އީރާން ގެންދަނީ މިކަމަށް ދެކޮޅު ހަދަމުންނެވެ. މީގެއިތުރުން ޔޫރޭނިޔަމް ފައްކާކުރުމާއި މަދަނީ ކަންކަމަށް ނިއުކްލިޔަރ ހަކަތައިގެ ބޭނުންކުރުމާވެސް ގުޅިފައިވާތީ ޔޫރނިޔަމް ފައްކާކުރުމުގެ ހައްގުން މަހްރޫމް ކުރުމަކީ ގާނޫނީގޮތުންވެސް ހުއްދަކަމަކަށް ނުވެ އެވެ.
އީރާނާއި ހުޅަނގާ ދެމެދުގައިވާ ޚިލާފްތަކުގެ އަސްލަކީ ޔޫރޭނިޔަމް ފައްކާކުރުން ހުއްޓާލުމަށް އީރާން ދެކޮޅު ހަދާމައްސަލައެވެ. އީރާނުންވަނީ ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްގު ދޫކޮށްނުލާނެ ކަމަށް ތަކުރާރުކޮށް ބުނެ އެވެ. އީރާނުން ޔޫރޭނިޔަމް ފައްކާ ކުރުމަށް 20 ހާސް ސެންޓްރިފިއުޖް މެޝިން މިހާރު ބޭނުންކުރެ އެވެ. މިމެޝިންތަކަކީ އީރާން އަމިއްލައަށް އުފައްދާ މެޝިންތަކެކެވެ. ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަށްޓަކައި 90 އިންސައްތައަށް ޔޫރޭނިޔަމް ފައްކާކުރަންޖެހޭއިރު މައްސަލަ ހައްލު ކުރުމުގެ ގޮތުން އީރާން ވަނީ 20 އިންސައްތައަށް ވުރެ މައްޗަށް ޔޫރޭނިޔަމް ފައްކާ ނުކުރާނެކަމުގެ ގެރެންޓީވެސް ހުޅަނގަށް ދީފަ އެވެ. ނަމަވެސް ޔޫރޭނިޔަމް ފައްކާކުރާ އެންމެ މެޝިނެއްގެ މަސައްކަތްވެސް ހުއްޓާލުމަށް އީރާން ވަނީ ދެކޮޅު ހަދާފަ އެވެ. ހުޅަނގުން ގެންދަނީ އީރާނުގެ މިހުށަހެޅުމަށް އިންކާރުކުރަމުންނެވެ. (ނޫސްއެޖެންސީތައް)