މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދަންދެން މަގުތަކުގެ ކާނުތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)އާ ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އަދި އެމްއާރުޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އިބްރާހިމް ނަޒީމެވެ.

މާލޭ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފަށާފައި މިވަނީ، މާލޭ ސިޓީ ކައުންސިލާ ހަވާލުކުރެވިފައިވާ މާލޭ މަގުތައް ރަނގަޅަށް ނުބެލެހެއްޓި މައްސަލަތައް ދިމާވާތީ، އެ މަގުތައް ސަރުކާރަށް ނެންގެވުމަށް ވަޒީރުންގެ މަޖިލީހުން މިދިޔަ ބުރާސްފަތި ދުވަހު ނިންމުމަށް ފަހު އެވެ.

މާލޭ މަގުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ހައުސިން މިނިސްޓްރީން ހިންގުމަށް ހަމަޖެހިފައިވާ "ރިޕެއާ އެންޑް މެއިންޓަނަންސް ޕްރޮޖެކްޓް އޮފް މާލެ ރޯޑްސް" މަޝްރޫއުގެ ތެރެއިން މިއަދު ސޮއިކުރެވުނު އެ އެއްބަސްވުމުގައި ދަށުން އެންމެ ބޮޑަށް ފެންބޮޑުވާ މަގުތަކަށް އިސްކަންދީގެން ކާނުތައް ސާފުކުރުމަށާއި ފެންދައުރު ކުރާ ހޮޅިތައް މަރާމާތުކޮށް ސާފުކުރުމަށް ހަމަޖެހިފައިވެ އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މީޑިއާ އަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

މީޑިއާ އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ، މާލޭ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދެންދެން އެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

އެ މަސައްކަތަށް ހަރަދުކުރާނީ މިނިސްޓްރީގެ ބަޖެޓުން ކަމަށާއި ނަމަވެސް އެ މަސައްކަތަށް މުޅި ޖުމްލަ ހަރަދުވާނެ ފައިސާގެ އަދަދެއް ކަނޑައަޅާފައިނުވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"މި އެއްބަސްވުމަކީ ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް އަޅާ އެއް ފިޔަވަޅު. އެގޮތުން އެންމެ ބޮޑަށް ފެންބޮޑުވާ މަގުތަކުގެ ކާނުތައް ސާފުުކުރުމުގެ މަސައްކަތް ކުރެވޭނެ. މީގެ އިތުރުން ވެސް އެކަންތައް ހައްލުކުރުމަށް އިތުރު ކަންތައްތަކެއް ކުރުމަށް ރާވާފައިވޭ. އެގޮތުގެ މަތިން ޑްރެއިނޭޖްގެ ކަންތައް ވަރަށް އަވަހަށް ފެށިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މުއިއްޒު ކުރިން ވިދާޅުވެފައިވަނީ، މާލޭ ރީ ޑިވެލޮޕްމަންޓް ޕްލޭނެއްގެ އެކުލަވާލުމުގެ މަސައްކަތާއި މާލޭ މަގުތައް އަލުން ހެދުމުގެ މަސައްކަތް ކުރިއަށް ކުރިއަށްގެންދާނެ ކަމަށެވެ.