10 Nov 2014, 15:21
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމާ އެކު ޖެހިގެންއައި ދުވަހު އައްޑޫ ސިޓީގެ ގަން ޕޮލިސްޓޭޝަންގައި ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ ބައެއް މީހުންނާ ދެކޮޅަށް ފުލުހުން ހެކިބަސްދީފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައި ވަނީ ހަ މީހެއްގެ ޝަރީއަތެވެ. އެއީ ސ. ފޭދޫ ސީރާޒީގޭ މުހައްމަދު ޖައިލަމް ސައީދު އެރަށު ސިލްސިލާގޭ އަހްމަދު ނިޒާމްއާއި އާއި އެ ރަށު ތަރި މޫސާ މަނިކުފާނާއި ސ. ހިތަދޫ ވާދޫގޭ މުހައްމަދު ރިޔާޒުގެ އިތުރުން ސ. މަރަދޫ ރައިޓްފޭސް މުހައްމަދު ޝިފާޒު އާއި ހަމައެރަށު ޗިޗަންޑާގޭ މުހައްމަދު އާލިޢުގެ ޝަރީއަތެވެ.
މިއަދު ހެނދުނު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސްދިން ފުލުހުންގެ ތެރެއިން ދެ ފުލުހަކު ބުނީ ދައުވާ ލިބޭ ޖައިލަމް ފުލުހުންނާ ދިމާލަށް ގާ އުކިކަމަށެވެ. އަދި ފުލުހުންގެ ޝީލްޑުތަކުގައި އަތުންނާއި ފައިން ތަޅައި ފުލުހުންގެ ސަފުތައް ފަޅާލައި ޕޮލިސްޓޭޝަން ތެރެއަށް އިތުރުބަޔަކާ އެކު އޭނާ ވަދެގެންފައިވާ ކަމަށް ވެސް އެހެން ފުލުހަކު ވަނީ ބުނެފަ އެވެ.
ގަން ޕޮލިސްޓޭޝަންގައި ރޯކޮށްލިފަހުން ދައުވާ ލިބޭ ނިޒާމާއި ޝިފާޒު އާއި ރިޔާޒު ފުލުހުންނާ ދިމާލަށް "އޮންނާނީ ރޯކޮށްލާފައޭ" ބުނި ކަމަށް ވެސް ހެކިބަސްދިން ބައެއް ފުލުހުން ބުންޏެވެ. އަދި އެމީހުންގެ ތެރޭގައި ހިމެނޭ މޫސާ މަނިކުފާނާ ދެކޮޅަށް އެއް ފުލުހަކު ވަނީ ހެކިބަސްދީފަ އެވެ. ހެކިބަސްދެމުން ފުލުސް މީހާ ބުނީ ފުލުހުންގެ ޝީލްޑުތަކުގައި އަތުންނާއި ފައިންތަޅައި ފުލުހުންނާ ދިމާލަށް އޭނާ ގާ އުކާފައިވާ ކަމަށެވެ.
ހެކިބަސްދިން ބައެއް ފުލުހުން ބުނީ އެ ހަ މީހުންގެ ތެރެއިން ބައެއް މީހުން އިތުރުބަޔާކާ އެކު ޕޮލިސްޓޭޝަންތެރެއަށް ވަދެގަތްތަން ފެނުނު ކަމަށާއި އެހެންނަމަވެސް އެމީހުން ޕޮލިސްޓޭޝަންގެ އިމާރާތަށާއި މުދަލަށް ގެއްލުންދިންކަމެއް އެމީހުންނަށް ފެނިފައިނުވާ ކަމަށެވެ.
ގަން ޕޮލިސްޓޭޝަނަށް ގެއްލުންދުމަށް ހިތްވަރުދީ އަދި އެތަނަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި 35 މީހެއްގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު އާއި އައްޑޫ ސިޓީގެ ފޭދޫ ދާއިރާގެ ކުރީގެ ކައުންސިލަރު އަހްމަދު މިރުޒާދު ވެސް ހިމެނެއެވެ. އެ ދެ ބޭފުޅުން ވެސް ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ.