10 Nov 2014, 15:17
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުމް ގޯސްވެދާނެ ކަމުގެ އިންޒާރު މޫސުމާ ބެހޭ އިދާރާ އިން ދީފި އެވެ.
ރާއްޖޭގެ ދެކުނުގެ ބައެއް ސަރަހައްދުތަކަށް މޫސުމް ގޯސްވެދާނެތީ މެޓް އޮފީހުން މިހާރު ވަނީ އެކަމަށް ސަމާލުވުމަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެ އިދާރާ އިން ބުނީ ރާއްޖޭގެ ދެކުނުނަށް މިއަދު މެންދުރު 1:30 އިން ފެށިގެން ހަވީރު 17:30 އާ ދެމެދު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މޫސުމާ ބެހޭ އިދާރާ ޑިއުޓީ ފޯކާސްޓަރު ތަހުމީނާ އަބްދުލްކަރީމް މިއަދު "ސަން" އަށް ވިދާޅުވީ ލ. އަތޮޅުން ފެށިގެން ރާއްޖޭގެ ދެކުނުން ލ. އަތޮޅާއި ގދ. އަތޮޅާއި ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީ އަށް ބޯކޮށް ވާރޭ ވެހެމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ލ. އަތޮޅަށް ވެސް ކޮންމެ ވެސް ވަރަކަށް ވިއްސާރަ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޔެލޯ އެލާޓް އެއް ނެރުނީ ވިއްސާރަވެ ފެންބޮޑުވެދާނެތީ އެކަމަށް ސަމާލުވުމަށް،" ތަހުމީނާ ވިދާޅުވި އެވެ.
ރާއްޖޭގެ ދެކުނަށް ބޯކޮށް ވާރޭވެހި ކަނޑުތައް ވެސް ގަދަވާނެތީ މޫސުމަށް ބަލައިގެން ކަނޑުދަތުރުކުުރުމަށް ވެސް މޫސުމާ ބެހޭ އިދާރާ އިން ވަނީ އިސްތިމާސްކޮށްފަ އެވެ.
ދެކުނަށް ވިއްސާރަ ކުރިނަމަވެސް މާލެ އާއި ރާއްޖޭގެ އުތުރަށް މިރެ އާއި މާދަމާ ވިއްސާރަ ކަމަށް ނުދައްކާ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާ އިން ބުންޏެވެ.