10 Nov 2014, 15:00
ރާއްޖޭގައި ގިނަ ބަޔަކު ބޭނުންކުރާ ކޯސްޓް ކިރުގެ އަގުހެޔޮކޮށްފި އެވެ.
ކޯސްޓް ރާއްޖެ އެތެރެކޮށް ވިއްކާ ބީއެޗްއެމް ޓްރޭޑާސްގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ ފިހާރަ އިން ވިއްކާ ކޯސްޓް ކިރުގެ ބާއްވަތްތަކުގެ ކޭހަކުން 50 ރުފިޔާ އާއި 75 ރުފިޔާ އާ ދެމެދުގެ މިންވަރަކަށް އަގުހެޔޮވެފައިވާ ކަމަށެވެ. އަދި މި ފަހަރު އަގުހެޔޮކުރީ ކޯސްޓް ކިރުގެ (ފުލްކްރީމު) ދަޅާއި ޕެކެޓް އަދި ކޯސްޓް ކެލްސިއަމް ކިރުގެ ބާވަތްތަކުން ކަމަށެވެ.
އެ ފިހާރައިން ބުނީ ކުރިން 145 ރުފިޔާ އަށް ވިއްކި 900 ގްރާމްގެ ކެލްސިމް ކިރު ދަޅެއް މިހާރު 139 ރުފިޔާ އަށް ލިބޭނެ ކަމަށެވެ. އަދި ކުރިން 285 ރުފިޔާ އަށް ވިއްކި 1800 ގްރާމްގެ ކިރުދަޅެއް މިހާރު 275 ރުފިޔާ އަށް ގަންނަން ލިބޭނެ ކަމަށެވެ.
ކޯސްޓް ކިރުގެ އަގަށް ހެޔޮ ބަދަލެއް ގެނެވުނީ ކިރު އިމްޕޯޓް ކުރުމަށް ބޭނުންވާ ބޭރު ފައިސާ ހޯދުމުގައި މިވަގުތު ފަސޭހަތަކެއް ހުރުމާ އެކު ބޭރުގެ މާކެޓްގައި މި ވަގުތު ކިރުގެ އަގު އެއްވަރެއްގައި ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ކަމަށް ވެސް އެ ފިހާރައިން ބުންޏެވެ.
ބީއެޗުއެމް ޓްޜޭޑާސް އިން ރާއްޖެ އަށް ކޯސްޓް ކިރު އެތެރެކޮށް ވިއްކާތާ 25 އަހަރު ވެއްޖެ އެވެ.