27 Jan 2011, 14:20
ޤާހިރާ : މިސްރުގެ ރައީސް މުޙައްމަދު ޙުސްނީ މުބާރަކްގެ ވެރިކަމާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާ ކުރުމަށްޓަކައި މިސްރުގެ އެތަށް ހާސްބަޔަކު އަނެއްކާވެސް ވެރިރަށް ޤާހިރާގެ މެދުތެރެއަށް އިއްޔެއާއި ރޭގެވަގުތުތަކުގައި ޖަމާވުމާ ގުޅިގެން އެފަރާތްތަކާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުން ކޮށްފިއެވެ.
މިސްރުގެ ބައެއް ފަރާތަކާ ޙަވާލާދީ ރޮއިޓާސް ބުނިގޮތުގައި އެމީހުން ޤާހިރާގެ ދާރުލްޤަޟާއުލްޢާލީ ގެ ކުރިމައްޗަށާއި މައިދާނުއްތަޙްރީރަށް ޖަމާވިޔަ ނުދިނުމަށްޓަކައި މިސްރުގެ ފުލުހުން ބާރުގެ ބޭނުންކުރި ނަމަވެސް އެތަށް ހާސް ބަޔަކު ޤާހިރާގެ މައިދާންތަކަށް އެއްވެ މުބާރަކްގެ ވެރިކަމާ ދެކޮޅަށް އަޑުއުފުލިއެވެ. ޤާހިރާގެ މައިދާން ތަކަކީ، ރައީސް ޙުސްނީ މުބާރަކްގެ ވެރިކަން ވައްޓާލުމަށް ގޮވާލާ މިސްރުގެ އެތަށް ހާސް ބަޔަކު މިދިޔަ އަންގާރަ ދުވަހު ކުރި އާދަޔާ ޚިލާފު މުޒާހަރާތައް ވެސް ފެށުނު ތަނެވެ. އިއްޔެގެ މުޒާހަރާތަކާ ގުޅިގެން މިކަންވަނީ ދެމިގެންދާ އިޙްތިޖާޖްގެ ޙަރަކާތްތަކަކަށް ބަދަލުވެފައެވެ.
އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުން މުބާރަކްގެ ވެރިކަން ވެއްޓިދާނެ ކަމުގެ ބިރު ހީވެފައިވާތީ އޭނާގެ އާއިލާވަނީ ވަނީ މިސްރު ދޫކޮށް ބޭރަށް ފިލާފައެވެ. ނަމަވެސް މުބާރަކްގެ ޢާއިލާއިން ވަނީ އެކަން ދޮގުކޮށްފައެވެ. އިސްކަންދަިރއްޔާ އާއި މިސްރުގެ އެހެން ބޮޑެތި ރަށްތަކުގައިވެސް މިހާރު ދަނީ މުބާރަކްގެ ވެރިކަމާ ދެކޮޅަށް ސިލްސިލާކޮށް މުޒާހަރާ ކުރަމުން ނެވެ.
އަދި މިސްރުގެ ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން އެތަށްބަޔަކު ޒަޚަމްވެފައި ވެއެވެ. ފުލުހުން ވަނީ 500 އަށްވުރެ ގިނަމީހުން ހައްޔަރު ވެސް ކޮށްފައެވެ. އަދި އިސްކަންދަރިއްޔާގެ މުޒާހަރާތައް ބާރުގެ ބޭނުންކޮށްގެން ވަނީ މުޅިން ކަހަލަ ގޮތަކަށް ރޫޅާލާފައެވެ.
މުބާރަކްގެ ނިޒާމާ ދެކޮޅަށް އަންގާރަ ދުވަހުފެށި މުޒާހަރާތައް ޤާހިރާގެ އެތަށް މައިދާން ތަކެއްގަ އާއި ޤާހިރާގެ އިތުރުން މިސްރުގެ ބޮޑެތި ހުރިހާ ރަށްތަކެއްގައި ވަރަށް ފުޅާދާއިރާއެއްގައި ވަނީ ކޮށްފައެވެ. މިއީ ރައީސް ޙުސްނީ މުބާރަކްގެ ނިޒާމާ ދެކޮޅަށް މިސްރުގައި ކުރެވުނު އެންމެ ވަރުގަދަ މުޒާހަރާތައް ކަމަށާއި މިއީ އާދަޔާ ޚިލާފު މުޒާހަރާ ތަކެއް ކަމަށް މުރާސިލުން ވަނީ ސިފަކޮށްފައެވެ. މިމުޒާހަރާތަކާ ދެކޮޅަށް މިސްރުގެ ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުން ކުރުމުން ހަތަރު މީހަކު މަރުވެ އެތަށް ބަޔަކު ޒަޚަމްވި ކަމަށް ރިޕޯޓްތައް ބުނެއެވެ.
މުބާރަކްގެ ދިގުލީ ވެރިކަން ވެއްޓިދާނެތީ އެމެރިކާ ވަނީ ރައީސް މުބާރަކްގެ ނިޒާމަށް ކުރިމަތިވެފައިވާ ނުރައްކާ ތަކާމެދު ކަންބޮޑުވާކަން ހާމަކޮށްފައެވެ. އަދި އިސްރާއީލުން ވެސް ވަނީ މުބާރަކްގެ ވެރިކަން ވެއްޓިދާނެތީ ކަންބޮޑުވާކަން ހާމަކޮށްފައެވެ. މުބާރަކްގެ ދިގުލީ ވެރިކަން ދެމެހެއްޓުމުގެ ފަހަތުގައިވާ އެންމެ ވަރުގަދަ ފަރާތަކީ އެމެރިކާ ކަމަށާއި މިކަމުގެ ބޭނުމަކީ އިސްރާއީލަށް އަމާންކަންދޭ ޤައުމެއްގެ ގޮތުގައި ތާއަބަދަށް މިސްރު ބޭއްވުން ކަމަށް މިސްރުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.
އަންގާރަ ދުވަހު މިސްރުގެ ކަންކޮޅުތަކުގައި މުޒާހަރާކުރި މީހުން ރައީސް ޙުސްނީ މުބާރަކާއި އޭނާގެ އަނބިކަނބަލުންނާއި ދަރިކަލުންނާ ދެކޮޅަށް ނުރުހުމާއި ނަފްރަތުގެ އަޑުތައް އުފުލައި މުބާރަކްގެ ވެރިކަން ވައްޓާލުމަށާއި މިސްރުގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ގޮވާލަމުން ދިޔައެވެ. މީގެއިތުރުން ޢަރަބި ޤައުމެއް ކަމަށްވާ ތޫނިސްގެ ރައްޔިތުން ތެދުވެ އެޤައުމުގެ ރައީސް ޒައިނުލްޢާބިދީން ބިންޢަލީގެ ވެރިކަން ދާދިފަހުން ވައްޓާލާފައިވާތީ އެކަމަށް މަރްޙަބާކިޔައި ތޫނިސްގެ ރައްޔިތުންނަށް ތަޢްރީފްކޮށް ބިންޢަލީ އަށް ނުރުހުމުގެ ބަސްތައް ވެސް ރައްދުކުރިއެވެ.
އަންގާރަ ދުވަހުގެ މުޒާހަރާތަކުގެ އިސްސަފުގައި އެކްޓިވިސްޓުންގެ ގޮތުގައި މިސްރުގެ ޢިލްމީ ބައެއް ފަރާތްތައް ވެސް ޙަރަކާތްތެރި ވެފައި ވެއެވެ. އަދި މައިގަނޑު ގޮތެއްގައި މުޒާހަރާތައް ކުރިޔަށްދިޔައީ ސުލްހަވެރި ގޮތުގައި ނަމަވެސް ބައެއް ސަރަޙައްދުތަކުގައި މުޒާހަރާކުރި މީހުންނާ ދެކޮޅަށް ފުލުހުން ކަރުނަ ގޭހާއި ލަޓިބުރި އާއި ޕްރެޝަރ ފެންފަދަ ވަސީލަތްތައް ބޭނުންކުރުމުގެ ސަބަބުން ފުލުހުންގެ މީހަކާއި އާންމުންގެ 3 މިހުން ވަނީ މަރުވެފަ އެވެ. މިސްރުގެ އިދިކޮޅު ފަރާތްތަކުން މި މުޒާހަރާތައް ސިފަކުރަނީ މުބާރަކްގެ ވެރިކަމާ ދެކޮޅަށް ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ރުޅިވެރިކަމާއި ނަފްރަތު ހާމަކުރުމުގެ ސިލްސިލާ ތަކެއްގެ ގޮތުގައެވެ. (ރޮއިޓާސް+ބީ.ބީ.ސީ+ އަލްޖަޒީރާ)