10 Nov 2014, 14:41
އަންނަ އަހަރު ބަޖެޓަށް އާމްދަނީ އިތުރު ކުރުމަށް އަލަށް ނަގަން ހަމަޖައްސާފައިވާ "ގްރީން ޓެކްސް" އިން ލިބޭ އާމްދަނީ ބޭނުންކުރާނީ ނަރުދަމާ އާއި ފެނުގެ ނިޒާމް ގާއިމް ކުރުމުގެ އިތުރުން ގޮނޑުދޮއްތައް ހިމާޔަތް ކުރަން ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީ ހޯދުމަށް ހުށައަޅާފައިވާ ކަންކަމާ ގުޅޭ ގޮތުން ބަޖެޓް ކޮމެޓީގައި މިއަދު ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު އަތޮޅު ތެރޭގެ ރަށްރަށުގައި ނަރުދަމާއި ފެނުގެ ނިޒާމް ގާއިމު ކުރުމަށް ގިނަ ޕްރޮޖެކްޓްތަކެއް ހިމަނާފައިވާ އިރު ގްރީން ޓެކްސް ތައާރަފް ކުރުމާ އެކު ލިބޭ އާމްދަނީ މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ ނަރުދަމާ ނިޒާމާއި ފެނުގެ ނިޒާމް ގާއިމު ކުރުމުގެ އިތުރުން ގޮނޑުދޮށްތައް ހިމާޔަތް ކުރަން ކަމަށެވެ.
"ގްރީން ޓެކްސް އިން ލިބޭ އާމްދަނީން ބޮޑަށް އަޅުގަނޑުމެން ބަލާފައި މިހިރީ ރައްޔިތުންނަށް ތިމާވެށި ގެއްލުންވެގެން ކޮބާތޯ އޮތް އެންމެ ބޮޑު ގެއްލުމަކީ، އޭގެ ތެރެއިން ފެނުގެ ފަށަލަ ތަގައްޔަރުވެފައިވާ ރަށްތަކަށް، މިސާލަކަށް ބަލަމާ ހިނގާ އެކަހަލަ ރަށްރަށަށް ފެނާއި ނަރުދަމާ ގާއިމު ކުރުމަކީ އެއްކަމެކޭ. އަނެއް ކަމަކީ ކޯސްޓަލް ޕްރޮޓެކްޝަން (ގޮނޑުދޮށް ހިމާޔަތްކުރުން)،" މިނިސްޓަރު ވިދާޅުވި އެވެ.
ގްރީން ޓެކްސްގެ ގޮތުގައި އަންނަ އަހަރު 341 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާ އިރު އެ ޓެކްސް ނެގުމަށް ނިންމާފައި ވަނީ ޓޫރިސްޓަކު ރާއްޖޭގައި ހޭދަކުރާ ކޮންމެ ދުވަހަކަށް 10 ޑޮލަރުގެ ރޭޓުންނެވެ.
ޓޫރިސްޓުން އަތުން ނަގާ ޓެކްސްތައް އިތުރުވަމުން ދާތީ އިންޑަސްޓްރީ އަށް ހީނަރުކަމެއް އަންނާނެތޯ ސުވާލުކުރުމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދަށް އެ ޓެކްސްތައް ތައާރަފު ކުރުމާ އެކު ހީނަރުކަމެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ ޓޫރިސްޓުންގެ އަތުން އެތައް ޓެކްސްއެއް ނަގަން ވިސްނާއިރު އެކަމުގެ ސަބަބުން ޓޫރިސްޓުން އަންނަ މިންވަރަށް ބަދަލެއް އައިސްދާނެ ކަމާ މެދު ވިސްނަން ޖެހޭ ކަމަށެވެ.
އަދި ޓޫރިޒަމް ޖީއެސްޓީ ބޮޑުކުރުމާ އެކު ރާއްޖެ އަންނަ ޓޫރިސްޓުންގެ އެރައިވަލް އަށް އެކަން އެނގެމުން އަންނަ ކަމަށް ގާސިމް ވިދާޅުވި އެވެ.
މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޖިހާދު ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު ވިސްނުމަކީ ބަޖެޓު ފޫބައްދަން އެމްއެމްއޭ އިން ފައިސާ ގެނައުން ހުއްޓުން ކަމަށާއި މި އަހަރުގެ މެއި މަހުން ފެށިގެން އެކަން ހުއްޓާލާފައިވާ ކަމަށެވެ.
އަދި މިހާރު ސަރުކާރުގެ އެންމެ ބޮޑު މަގުސަދަކީ އެތެރޭގެ ދަރަނި ކުޑަކުރުން ކަމަށް މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.