މި އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން ވިއްކާ ބިންތަކާއި ފުލެޓްތަކުން ގުޑްސް އެންޑް ސާވިސް ޓެކްސް (ޖީއެސްޓީ) ނަގަން ޖެހޭ ގޮތަށް ގާނޫނު އިސްލާހުކޮށްފައިވުމުން، ސަރުކާރުން ވިއްކާ ބިންތަކާއި ފްލެޓުތަކުން ޖީއެސްޓީ ނެގުން އިސްތިސްނާ ކުރުމަށް ހުށަހެޅި އިސްލާހުގެ ބިލް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެ ބިލް ފާސްކޮށްފައި ވަނީ 61 މެންބަރުން އިތިފާގުންނެވެ.

ސަރުކާރު ފަރާތުން ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި ބިލްގެ މަގުސަދު ކަމުގައި ބުނެފައި ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ސަރުކާރުން ވިއްކާ ބިންތަކާއި ފުލެޓްތަކުން ޖީއެސްޓީ ނެގުން އިސްތިސްނާ ކުރަންޖެހޭނެ ކަމަށެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ 20 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ އެ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކޮށް، ޖީއެސްޓީ ނެގުން އިސްތިސްނާވާ ދެ ހާލަތެއް ބަޔާންކޮށްފަ އެވެ. އެއީ ސަރުކާރުން ނުވަތަ ތިންވަނަ ފަރާތެއް މެދުވެރިކޮށް ވިއްކާ ބިންތަކާއި ފްލެޓުތަކުން ޖީއެސްޓީ ނުނެގޭނެ ކަމަށެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް މި އަހަރުގެ ފެބްރުއަރީ މަހު މަޖިލީހުން ގެނެސްފައިވާ ފުރަތަމަ އިސްލާހުގައިވާ ގޮތުން ސެޕްޓެންބަރު މަހުން ފެށިގެން ނުއުފުލޭ މުދަލުގެ ތެރޭގައި ހިމެނޭ ގޯތިގެދޮރާއި ބިންތައް ގަނެވިއްކާ ނަމަ ޖީއެސްޓީ ނަގަންޖެހެ އެވެ. ނަމަވެސް މިއަދު މަޖިލީހުން ފާސްކުރި އިސްލާހުގައިވާ ގޮތުން ސަރުކާރުން ނުވަތަ ތިންވަނަ ފަރާތެއް މެދުވެރިކޮށް ވިއްކާ ބިންތަކާއި ފުލެޓުތަކުން ޖީއެސްޓީ ނުނެގޭނެ އެވެ. އަދި އެފަދައިން ނަގަފައިވާ ޓެކްސް އެ ބިލް ރައީސުލްޖުމްހޫރީއްޔާ ތަސްދީގް ކުރައްވައި ސަރުކާރުގެ ގެޒެޓުގައި ޝާޢިޢުކޮށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން ވީއެންމެ އަވަސް ފުރުސަތެއްގައި އެ ފައިސާ ނަގާފައިވާ ފަރާތްތަކަށް އަނބުރާ ރައްދުކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.