10 Nov 2014, 14:25
އޮފީސް އަންހެން މުވައްޒަފަކާ މާރާމާރީ ހިންގި މައްސަލައެއްގައި ވީނިއުސްގެ އެޑިޓަރު މުންޑޫ އާދަމް ހަލީމް އިއްޔެ ސަސްޕެންޑްކޮށްފި އެވެ.
ވީމީޑިއާގެ ސީއޯއޯ މުހައްމަދު އާސިފް (މޮންދު) މިއަދު ސަން އަށް ވިދާޅުވީ އާދަމް ހަލީމު ސަސްޕެންޑް ކުރީ އޭނާ އެ އޮފީހުގެ އަންހެން މުވައްޒަފެއްގެ ގަޔަށް އަތްލައި މަރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ކަމަށެވެ. މޮންދު ވިދާޅުވީ އެ މައްސަލަ ބަލަނީ ވީ މީޑީއާގައި އެފަދަ މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ކޮމެޓީއަކުން ކަމަށެވެ.
އިއްޔެ އިރު އޮއްސުނު ވަގުތު ހިނގި އެ ހާދިސާގެ ވީޑިއޯ ފްޓޭޖެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފަ އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެ އަންހެން ކުއްޖާ ވީޓީވީ ހިންގާ އިމާރާތުގެ ސިޑިން ތިރިއަށް ފައިބައިގެން އަންނަނިކޮށް އާދަމް ހަލީމުއާ ދިމާވާތަނުން އެ ކުއްޖާގެ ގަޔަށް އަތްލައި މަރާމާރި ހިންގައި ސިޑިމައްޗަށް ވައްޓާލާތަން ފެނެ އެވެ.
އާންމު ހިދުމަތުގެ އިނާމު ލިބިފައިވާ ނޫސްވެރިޔާ، އާދަމް ހަލީމު އެ ވަގުތު ހިފެހެއްޓީ ވީ މީޑިއާގެ އެހެން މުވައްޒަފަކެވެ.
އެ މައްސަލަ ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ. ފުލުހުން ބުނީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.