ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތްތައް ބޭނުން ކުރާ ޓޫރިސްޓުންގެ އަތުން ނަގަމުން އަންނަ ޓޫރިޒަމް ގްޑްސް އެންޑް ސާވިސް ޓެކްސް (ޓީޖީއެސްޓީ) މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން 12 ޕަސެންޓަށް ބޮޑުވުމާ އެކު، ދިވެހިން ބޭނުން ކުރާ ބައެއް ހިދުމަތްތަކުން ވެސް އެ އަދަދަށް ޓެކްސް ނެގުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް މަޖިލީހުން މިއަދު ބަލައިގެންފި އެވެ.

އެ ބިލް މަޖިލީހުން ބަލައިގަތުމަށް ފާސްވީ 60 މެންބަރުން އިއްތިފާގުންނެވެ. އެ ބިލް މަޖިލީހަށް ބަލައިގަތުމުން އިތުރަށް ދިރާސާ ކުރުމަށް ވަނީ މުޅި މަޖިލީހުގެ ކޮމެޓީ އަށް ފޮނުވައިފަ އެވެ.

ސަރުކާރުގެ ފަރާތުން އެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލެވެ.

އެ ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް މުހައްމަދު އިސްލާއިލް ވިދާޅުވީ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތްތަކުން ވިއްކާ މުދަލާއި ދޭ ހިދުމަތްތަކުން ނަގާ ޓެކްސް ޓޫރިސްޓުންނެކޭ އެއްފަދައިން ދިވެހިންގެ އަތުން ވެސް ނަގަމުންދާތީ، އެކަން ހުއްޓުވަން ބޭނުންވާ ކަމަށެވެ.

އޭނާ ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން އެތެރޭގެ އުދުހުންތަކުގައި 12 ޕަސެންޓުގެ ޓީޖީއެސްޓީ ނަގަން ޖެހޭނީ ހަމައެކަނި ފަތުރުވެރިންގެ އަތުން ކަމަށެވެ.

ގާނޫނަށް އެގޮތަށް އިސްލާހު ގެނައުމުން ދިވެހިންގެ އަތުން ނަގާނީ ޖީއެސްޓީގެ ގޮތުގައި މިހާރު ނަގަމުން އަންނަ ހަ ޕަސެންޓުގެ ޓެކްސެވެ.

ޓީޖީއެސްޓީ 12 ޕަސެންޓަށް ބޮޑުވުމާ އެކު ރިސޯޓުތަކާއި ޓޫރިސްޓް ހޮޓާތަކާއި ގެސްޓް ހައުސްތަކާއި ފިކްނިކް އައިލެންޑްތަކާއި ޓޫރިސްޓު އުޅަނދުތަކުގެ އިތުރުން ޔޮޓް މެރީނާތަކުން ވެސް ދިވެހިންނަށް ހިދުމަތް ދޭނީ 12 ޕަސެންޓުގެ ޓެކްސްއަކާ އެކު އެވެ.

އެފަދަ ތަންތަނުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ އަތުން 12 ޕަސެންޓުގެ ޓެކްސް ނެގުން ހުއްޓުވުމަށް ޓަކައި މުހައްމަދު އިސްލާއިލް ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ އެފަދަ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ ކުރެވިގެން ހިންގާ ފިހާރަތަކުން ޓީޖީއެސްޓީ ނަގައިގެން ނުވާނެ ކަމަށެވެ. އެފަދަ ތަންތަނުން ދިވެހިންގެ އަތުން ނަގާނީ ހަ ޕަސެންޓުގެ ޖީއެސްޓީ ކަމަށް ނިލްގައި ބުނެފައިވެ އެވެ.