އިކޮނޮމިކް މިނިސްޓްރީން ތައާރަފްކުރަން އުޅޭ ރާއްޖޭގެ އަސްލު އުފެއްދުމެއް ކަން އަންގައިދޭ ސެޓްފިކެޓް "ޖެނުއިން މޯލްޑިވިއަން ޕްރޮޑަކްޓް" ސެޓްފިކެޓް ދީފައިވާ އުފެއްދުންތަކުގައި ޖަހާނެ ލޯގޯ ފަރުމާކުރުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޖެނުއިން މޯލްޑިވިއަން ޕްރޮޑަކްޓް ސެޓިފިކެޓް ލިބިފައިވާ އުފެއްދުންތައް ވިއްކާ އިރު އެކަން އަންގައިދޭ ލޯގޯއެއް ނުވަތަ ސީލެއް، އެ އުފެއްދުމެއްގައި ޖަހާނެ ކަމަށެވެ. އަދި އެގޮތުން ޖަހާނެ ލޯގޯ ފަރުމާ ކުރުމަށް ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު މުބާރާތެއް ހުޅުވައިލި ނަމަވެސް އެކަށީގެންވާ އަދަދަކަށް ލޯގޯ ލިބިފައި ނުވާ ކަމަށާއި އެހެންވެ، ލޯގޯ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 18 ވަނަ ދުވަހާ ހަމައަށް އަލުން ހުޅުވާލާފައިވާ ކަމަށެވެ.

އިއުލާނުގައި ބުނެފައި ވަނީ މުބާރާތުން އެއް ވަނައަށްދާ ލޯގޯ، ޖެނުއިން މޯލްޑިވިއަން ޕްރޮޑަކްޓް ސެޓިފިކެޓް ދިނުމުގެ ސްކީމްގައި ބޭނުން ކުރުމުގެ އިތުރުން ލޯގޯ ހުށަހަޅާ މީހާއަށް 25000 ރުފިޔާގެ އިނާމެއް ދޭނެ ކަމަށެވެ.

ލޯގޯ ފަރުމާ ކުރުމުގައި ބަލަންވީ ކަންކަމާއި ގަވައިދާއި މުބާރާތުގައި ބައިވެރިވުމުގެ ފޯމް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.