އާންމުންގެ ސިއްހަތަށް ގެއްލުންވާ ކަންތައްތަކުން ރައްޔިތުން ދުރުކުރުމަށް ޓަކައި ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް 300 ޕަސެންޓަށް ބޮޑުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދުު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީ ހޯދުމަށް ހުށައަޅާފައިވާ ކަންކަމާ ގުޅޭ ގޮތުން ބަޖެޓް ކޮމެޓީގައި މިއަދު ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށް ސަރުކާރުން މިހާތަނަށް ނިންމާފައިވާ ނިންމުންތަކަށް ބަލާ އިރު ރާއްޖެ އެތެރެކުރާ ދުންފަތުގެ ބާވަތްތަކުން މިހާރު ނަގާ 150 ޕަސެންޓް ޑިއުޓީ 300 ޕަސެންޓަށް ބޮޑު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ކާރުން މިހާރު ނަގާ 100 ޕަސެންޓް ޑިއުޓީ ވެސް 150 ޕަސެންޓަށް ބޮޑުކުރުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ސެންޓަކީ މިހާރު ސުން ޑިއުޓީ ނަގާއެއްޗެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް 10 ޕަސެންޓްގެ ޑިއުޓީއެއް ނެގުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީ ހޯދުމަށް ހުށައަޅާފައިވާ ކަންކަމާ ގުޅޭ ގޮތުން ބޭއްވި ބަޖެޓް ކޮމެޓީ-- ސަން ފޮޓޯ/ ސޮފްވާން

"ޑިއުޓީ ރިވައިސްކުރަން ބޭނުންވާ އައިޓަމްތަކުގެ ތެރޭގައި ރާއްޖެ އެތެރެކުރެވޭ ވެހިކަލް ނުވަތަ ވެސަލްސް، އަނެއް އެއްޗަކީ ތެލުން، އަނެކައްޗަކަށް މިއޮތީ ޕާފިއުމް، ދެން މިއޮތީ ދުންފަތުގެ ބާވަތްތައް، އެނާޗީ ޑްރިންކުގެ ވާހަކަ ދެއްކިޔަސް އޭގެ ތެރެއަށް މާބޮޑަކަށް ނުވަދޭ، ހަނޑޫ ހަކުރު ފުށް ވެސް ކޮންމެ ވެސް ވަރަކަށް މީގެ ތެރޭގައި ހިމެނޭ، މީގެ ތަފްސީލްތައް އަޅުގަނޑުމެން އިކޮނޮމިކް ކައުންސިލް އިން ނިންމާފައި ދެއްވާނަން،" މިނިސްޓަރު ޖިހާދު ވިދާޅު ވިއެވެ.

މިނިސްޓަރު ޖިހާދު ވިދާޅުވީ ޓެކްސް ބޮޑުކުރުމަށް ވިސްނާފައި ވަނީ ލަގްޒަރީ ބާވަތްތަކާއި ތިމާވެއްޓަށް ގެއްލުންވާ ކަންކަމުގެ އިތުރުން ސިއްހަތަށް ގެއްލުންވާ ކަންކަމަށް ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީ ހޯދުމަށް ހުށައަޅާފައިވާ ކަންކަމާ ގުޅޭ ގޮތުން ބޭއްވި ބަޖެޓް ކޮމެޓީ-- ސަން ފޮޓޯ/ ސޮފްވާން

އަންނަ އަހަރު އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީގެ އަދަދަކީ 3.4 ބިލިއަން ރުފިޔާ ކަމަށާއި އެ ފައިސާ ހޯދަނީ މައިގަނޑު ފަސް ދާއިރާއަކުން ކަމަށް މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ. އޭގެ ތެރޭގައި އިމްޕޯޓް ޑިއުޓީ އަށް ބަދަލުގެނައުމާއި ގްރީން ޓެކްސްއެއް ތައާރަފްކުރުމަށާއި އެސްއީޒެޑް އިން އާމްދަނީ ހޯދުމުގެ އިތުރުން ބިންތައް ދިގު މުއްދަތަކަށް ކުއްޔަށް ދޫކޮށްގެން އާމްދަނީ ހޯދުމާއި ރިސޯޓްތަކުގެ މުއްދަތު އިތުރުކުރުން ހިމެނޭ ކަމަށެވެ.