10 Nov 2014, 13:06
ދުވަސްވީ މީހުންނަށާއި އޮފީހުގައި ގިނަ ވަގުތު އިށީނދެގެން މަސައްކަތްކުރާ ޒުވާނުންނަށް ވެސް އެންމެ ގިނައިން ދިމާވާ އެއް ކަމަކީ ބުރަކަށީގައި ރިހުމެވެ. ގިނަ ވަގުތު ކޮއްޅަށް ހުރެ، ހެދުން ފަހަން އިނދެ، ނޫނީ ކޮމްޕިއުޓަރު ކައިރީގައި އިނދެފި ނަމަ ބުރަކަށީގައި ރިއްސަން ފަށާނެ އެވެ. މިތަދަށް އޮތް އެއް ހައްލަކީ ކަސްރަތުކުރުމެވެ. ހޯދުންތަކުން ދައްކާފައިވާ ގޮތުގައި ބުރަކަށީގައި ރިއްސުމުން ހަމައެކަނި ބޭސްފަރުވާ ކުރުމަށް ވުރެ ބޭސްފަރުވާއާ އެކު ކަސްރަތު ވެސް ކުރިއަށް ގެންދިއުމުން ލިބޭ ނަތީޖާ މާރަނގަޅެވެ.
"ކަސްރަތުކުރުމުން ހަށިގަނޑުގެ މަސްތައް ދިގުވެ ވަރުގަދަވާނެ. އޭރުން މައިބަދައިގައި ހުންނަ ޑިސްކުތަކަށް ޕްރެޝަރު ކުޑަވެ ހުޅުތަކަށް ވެސް ފަސޭހަވާނެ. އޭރުން ތަދު ކުޑަވާނެ އަދި ދެވަނަ ފަހަރަށް އެތަނެއްގައި ރިއްސުމުގެ ފުރުސަތުވެސް ކުޑަވާނެ." ކަސްރަތުކުރުމާއި ބެހޭ ގޮތުން ފޮތެއް ލިޔެފައިވާ އަދި އިންސާނުންގެ ހަށިގަނޑު މަސައްކަތްކުރާ ގޮތް ކިޔަވައި އެކަމުގެ "އެކްސްޕާޓެއް" ކަމަށްވާ ކްރިސްޓިއަން ބާގް ބުނެފައިވެ އެވެ.
އެހެންވުމުން މިލިޔުމުގައި ކިޔާލަދީފައި ވާނީ ބުރަކަށީގައި ރިއްސުމުން ކުރެވޭނެ ތަފާތު ތިން ވައްތަރެއްގެ ކަސްރަތުގެ ވާހަކަ އެވެ. މިކަސްރަތުތަކަކީ ދުވާލަކު އެއް ފަހަރު ކުރަންޖެހޭ ކަސްރަތުތަކެކެވެ. އަދި މިއިން ކޮންމެ ކަސްރަތަކީ ވެސް 10 ސިކުންތު ވަންދެން ހިފަހައްޓާލާފައި، ފަސް ސިކުންތު ވަންދެން މަސްތަކަށް ބާރުކޮށްލުމަށް ފަހު ދޫކޮށްލަން ޖެހޭ ކަސްރަތުތަކެކެވެ.

އެންމެ ފުރަތަމަ ކަސްރަތަކައް މިބަލާލަނީ "ހިޕް އޯޕަނާ" ކިޔާ ކަސްރަތަކަށެވެ. މިކަސްރަތަކީ މައިކަށީގެ ތިރީކޮޅާއި އުނަގަނޑާއި ދޭތެރޭ ރިއްސާ ރިއްސުމަށް ހާއްސަ ކަސްރަތެކެވެ. އެންމެ ފުރަތަމަ އެނދުގައި ނުވަތަ މޭޒެއްގެ ކޮޅުގައި އިށީންނާށެވެ. ދެން މަޑުމަޑުން އޮށޯތުމަށް ފަހު ކަނާތު ފައި މައްޗަށް ހިއްލާލުމަށް ފަހު ކަކޫ ލަންބާލާ ދެއަތުން ކަކުލުގައި ބާރަށް ހިފަހައްޓާލާށެވެ. އަދި ވާތު ފައިން ވާގިދޫކޮށްލާށެވެ. މިގޮތަށް ދިހަ ސިކުންތު ހިފަހައްޓާލައި މަސްތަކަށް ވާންވުމުން ދޫކޮށްލާށެވެ. ދެން ވައަތު ފައިގެ ކަކޫ ލަންބާލުމަށް ފަހު މަތީގައި ބުނެފައިވާ ގޮތަށް ކުރިއަށް ގެންދާށެވެ. ކޮންމެ ފަޔަކަށް ވެސް ދެފަހަރު މަތިން މި ކަސްރަތު ކުރަންވާނެ އެވެ.

ދެވަނަ ކަސްރަތަކައް މިބަލާލަނީ ބުރަކަށީގެ މެދުން ފެށިގެން "ހިޕް ބޯން" ނުވަތަ އުރުގައި އިންނަ ކަށިގަނޑާއި ދެމެދު ރިއްސާ ރިއްސުމަށް ހާއްސަ "ސައިޑް ސްޓްރެޗް" ކިޔާ ކަސްރަތަކަށެވެ. ބިންމަތީގައި އޮށޯވެލާފައި ކަނާތްފަރާތައް އެނބުރިލާށެވެ. ދެން ދެއަތް ބިންމަތީގައި ވިއްދާލުމަށް ފަހު އުނަގަނޑުން މަތި ހިއްލާލާށެވެ. ދެން ވައަތު ފައި ލަންބާލުމަށް ފަހު ހަށިގަނޑުގެ ކުރިއަށް ގެނެސް، ބިންމަތީގައި ފައިތިލަ ޖައްސާ، ބަނޑާއި ވީހާވެސް ކައިރިކުރާށެވެ. އަދި މިގޮތަށް ކައިރިކުރާ އިރު ކަނާތު ފައި ނުގުޑުވާވޭތޯ ބަލަންވާނެ އެވެ. ދެއަތް ސީދާކޮށްލުމަށް ފަހު މަސްތަކަށް ވާންވާން ފެށުމުން ދިހަ ސިކުންތު ހިފައްޓާލާށެވެ. ކޮންމެ ފަޔަކަށް ވެސް ދެފަހަރު މިކަސްރަތު ކުރަންވާނެ އެވެ.

ތިން ވަނަ ކަސްރަތަކީ "އެލް ސްޓޭންޑް" ކިޔާ ކަސްރަތެކެވެ. މިކަސްރަތު ކުރުމަށް ފަލަމަސްގަނޑާއި ހަމަވާވަރުގެ އުސްމިނެއް ހުންނަ މޭޒަކަށް ކުރިމަތިވާ ގޮތަށް ހުންނާށެވެ. މަޑުމަޑުން ކަނާތު ފައި ހިއްލާލުމަށް ފަހު، ވާތް ފަރާތަށް ލަންބާލާފައި މޭޒު މަތީގައި ފައި ބާއްވާ ށެވެ. މިގޮތައް ފައި އޮންނަ އިރު އޮންނަން ޖެހޭނީ އިނގިރޭސި، "އެލް" އަކުރު އޮންނަ ގޮތަށެވެ. ބުރަކަށި ސީދާކޮށްލުމަށް ފަހު ކުރިއަށް ދަމާލާށެވެ. މިގޮތަށް ދިހަ ސިކުންތު ހިފަހައްޓާލުމަށް ފަހު ދެން ދޫކޮށްލާށެވެ. މިކަސްރަތު ވެސް ކޮންމެ ފަޔަކަށް ދެފަހަރު ކުރަންވާނެ އެވެ.
މައުލޫމާތު: ހެލްތު ޑައިޖެސްޓް