10 Nov 2014, 12:59
ސިޓީ ކައުންސިލުން މަޖީދީމަގުގައި އިންދި ރުއްތައް މޯލްޑިވްސް ރޯޑް ޑިވޮލޮޕްމަންޓުން ނަގައިފައިވާ މައްސަލާގައި އަޅާނެ ފިޔަވަޅެއް ނެތް ކަމަށް ފުލުހުންގެ އިދާރާ އިން ސިޓީ ކައުންސިލަށް އަންގައިފި އެވެ.
ފުލުހުންގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަހުމަދު ސައުދީ މާލޭގެ މޭޔަރު މުހައްމަދު ޝިހާބަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ދެމެހެއްޓުމާ ބެހޭ ސިޔާސަތު ކަނޑައަޅައި ހަދަން ޖެހޭ ގަވާއިދުތައް ހަދައި ހިންގުމުގެ އެންމެ އިސް ފަރާތަކީ ހައުސިން މިނިސްޓްރީ ކަމަށެވެ.
އެ ރުއްތައް ނެގީ ހައުސިން މިނިސްޓްރީ އިން އަންގައިގެން ކަމަށް އެމްއާރުޑީސީން ބުނެފައި ވާތީ، އެ މައްސަލާގައި އަޅަން ޖެހޭ ފިޔަވަޅެއް އޮތް ކަމަށް ނުފެންނަ ކަމަށް ވެސް ބުނެފައިވެ އެވެ.
ފުލުހުންގެ އިދާރާ އަށް ސިޓީ ކައުންސިލުން އެ މައްސަލަ ހުށަހައެޅީ މަޖީދީމަގުގައި އިންދާފައި ހުރި ރުއްްތައް މިދިޔަ މަހުގެ ތެރޭގައި ބަޔަކު ނުކުމެ ކަނޑާލުމާ ގުޅިގެން، އަލުން ރުއް ޖެހުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށުމުން އެމްއާރުޑީސީ އިން ރުއްތައް ނެގި މައްސަލައާ ގުޅިގެން، އެކަން ހުއްޓުވައި ދިނުމަށް އެދި އެވެ.
ހައުސިން މިނިސްޓްރީ އިން މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ރުއްތައް ނެގުމުގައި ފުލުހުން ހަރަކާތްތެރިވީ ހައުސިން މިނިސްޓްރީ އިން ތަންފީޒު ކުރަން އެނގި އަމުރަކާ ގުޅިގެން ކަމަށެވެ. ދައުލަތުގެ އެއްވެސް އިދާރާ އަކަށް އެއްވެސް ކަމެއް ނުވެގެން އެނގުމުން އެކަން ދެން ތަންފީޒު ކުރާނީ ހޯމް މިނިސްޓްރީ އިން ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
މަޖީދީމަގުގައި ރުއް ޖެހުމުގެ މަސައްކަތް ސިޓީ ކައުންސިލުން އަލުން ކުރަން ފެށީ މާލެ ފެހިކުރުމުގެ މަޝްރޫއު އެކުލަވާލައި އެ ކަން ތަންފީޒު ކުރާނީ ހައުސިންގް މިނިސްޓްރީ އިން ކަމަށާއި އެކަމާ ބެހޭ އެއްވެސް ކަމެއް ނުކުރުމަށް ހައުސިން މިނިސްޓްރީ އިން ސިޓީ ކައުންސިލަށް އަނގާފައިވަނިކޮށެވެ.