10 Nov 2014, 12:44
މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލްގެ އެއްވަނައިގާ އޮތް ޗެލްސީއާ އެއްވެސް ޓީމަކުން އަރާ ހަމަ ނުކުރެވޭނެ ކަމަށް އާސަނަލްގެ ކޯޗް އާސަން ވެންގާ ބުނެފި އެވެ.
އޭނާ މިއަދު ބުނި ގޮތުގައި ޗެލްސީ އިން މިހާރު ކުޅޭ ގޮތަށް ކުޅެމުންދާ ނަމަ އެ ޓީމާ ވާދަ ކުރެވޭނެ ޓީމެއް މިހާރު ލީގަކު ނެތެވެ. އަދި ޗެލްސީއަށް ލީގް ފެށިފައި ވަނީ ރަނގަޅު ފެށުމަކުން ކަމަށާއި ބަލި ނުވަންޏާ އެ ޓީމަށް މުބާރަތުގައި 105 ޕޮއިންޓް ވެސް ކާމިޔާބު ކުރެވިދާނެ ކަމަށް އޭނާ ބުންޏެވެ.
"ޗެލްސީއިން އެ ގެންދާ ގޮތަށް ކުރިއަށް ގެންދާ ނަމަ އެ ޓީމާ ކުޅެވޭނެ އެއްވެސް ބަޔަކު ނެތް. މިހާތަނަށް އެ ޓީމަށް ޕޮއިޓް ލިބިފައިވާ އަދަދަށް ބަލާއިރު ވެސް އެކަން އިނގިގެން ދޭ. ޗެލްސީ އިން ލީގު ފައްޓާފައި ވަނީ ވަރަށް ރަނގަޅަށް. ބަލި ނުވާހާ ހިނދަކު އެއްވެސްބަޔަކު އެ ޓީމާ މެދު ސުވާލެއް ނޫފައްދާނެ،" ވެންގަ އިތުރަށް ބުނެފައިވެ އެވެ.
ޗެލްސީ އިން ވަނީ ލީގުގައި މިހާތަނަށް އެ ޓީމުން ކުޅެފައިވާ 11 މެޗުގެ ތެރޭން ނުވަ މެޗު ކާމިޔާބުކޮށް، އަނެއް ދެމެޗު އެއްވަރު ކޮށްފަ އެވެ. އެއާ ހިލާފަށް ވެންގާގެ ޓީމް އާސަނަލް ވަނީ ރޭ ސްވެންސީއާ ބައްދަލުކުރި މެޗުގައި ސްވެންސީ އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެފަ އެވެ.
"އެފަދަ ގޮތަކަށް މެޗެއް ދޫވެގެން ދިޔުމަކީ ދެރަވާ ކަމެއް. އަހަރުމެނަށް އޮތީ ލީޑް ލިބިފައި. ނަމަވެސް ސްވެންސީ އުންމީދު ކަނޑާލާފައި ނުވާކަން ފާހަގަ ކުރަންޖެހޭ،" ވެންގާ ބުންޏެވެ.
ރޭގެ މެޗާ އެކު ވެންގާގެ ޓީމް އާސަނަލް ވަނީ ތާވަލްގެ ހަވަނައަށް ވެއްޓިފަ އެވެ. -- މައުލޫމާތު: ބީބީސީ