27 Jan 2011, 14:16
ރ. މަޑުއްވަރީގައި ދެ ސައިކަލު ޖެހި ރޭ ހިނގި އެކްސިޑެންޓެއްގައި 19 އަހަރުގެ ދެ ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.
މަޑުއްވަރީ ރަށު އޮފީހުން މިއަދު ބުނީ ރޭ 11:30 އެހާކަންހާއިރު އެ ރަށު ފާމުދޭރިމަގާއި މީޒާން ގޯޅި ބެދޭ ހަތަރު އަނގޮޅީގައި ހިނގި އެކްސިޑެންޓެންޓްގައި އުމުރުން 19 އަހަރުގެ ފިރިހެން ދެ ކުއްޖަކަށް ސީރިއަސް އަނިޔަތަކެއް ވެފައިވާ ކަމަށެވެ.
އެ އޮފީހުން ބުނީ އެ އެކްސިޑެންޓްގައި އެއް ކުއްޖެއްގެ ބޮލުގެ މެދުން ފަޅައިގެން ގޮސް، ވާތު ކަންފަތް އިރިފައިވާ ކަމަށާއި، އެ ކުއްޖާގެ ވާތު ފައިގެ ޝަހާދަތް އިނގިލިން ފެށިގެން ކުޑަވާ އިނގިއްޔާ ހަމައަށް އިރައިގެން ގޮސްފައިވާ ކަމަށެވެ.
އަނެއްކުއްޖާގެ ނިއްކުރި ފަޅައިގެން ގޮސްފައިވާ ކަމަށާއި އެ ކުއްޖާގެ ވެސް ވާތު ފައިބިނދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަޑުއްވަރީ ސިއްހީ މަރުކަޒުން ބުނީ އެ ދެ ކުދިންނަށް ފަރުވާދިނުމަށް އެ ސިއްހީ މަރުކަޒަށް ރޭ ގެނައި ކަމަށާއި އެ ދެ ކުދިންގެ ހާލު ސީރިއަސް ކަމުން އިތުރު ފަރުވާ ދިނުމަށް އެއަތޮޅު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުން ދާ ކަމަށެވެ.
އަދިވެސް އެ ދެ ކުދިންގެ ހާލު ސީރިއަށް ކަމަށް އެ ސިއްހީ މަރުކަޒުން ބުންޏެވެ.
އެ އެކްސިޑެންޓު އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.