10 Nov 2014, 12:37
ށ. މަރޮށީ ބަނދަރުގެ މަސައްކަތް މި އަހަރު ކުރިއަށް ނުގޮސް އޮތީ ބަޖެޓުގައި ހިމަނާފައިވާ ފައިސާ މަދު ވުމުން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކޮމަންޑޫ ދާއިރާ މެމްބަރުން އަހުމަދު ނަޝީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ މި އަހަރުގެ ބަޖެޓުގައި މަރޮށީގެ ބަނދަރު ހެދުމަށް އޮތް 1.5 މިލިއަން ރުފިޔާ އަކީ އެކަމަށް އެކަށީގެންވާ އަދަދެއް ނޫން ކަމަށެވެ.
"އެ ބަނދަރުގެ މަސައްކަތް އޮންނާނީ 2013ގެ ބަޖެޓުގައި ވެސް ހިމަނާފައި، އަދި މި އަހަރު ވެސް. އެހެން ނަމަވެސް މި އަހަރުގެ ބަޖެޓުގައި އަޅުގަނޑުމެންނަށް އިނީ ދޮޅު މިލިއަން ރުފިޔާ. އެއީ މަސައްކަތް ހަވާލު ކޮށްގެން އެ މަސައްކަތް ކުރިއަށް ގެންދެވޭ ވަރަށް ވުރެ ކުޑަ އަދަދެއް،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަންނަ އަހަރު މަރޮށީ ބަނދަރުގެ މަސައްކަތް ފެއްޓުމަށް ބޭނުންވާ ފައިސާ 2015 ވަނަ އަހަަރަށް ލަފާ ކުރާ ބަޖެޓުގައި ހިމަނާފައިވާ ކަމަށާއި މަސައްކަތް "ސީދާ ފެށޭނެ" ދުވަހެއް އެނގޭނީ ބަޖެޓު ތެރެއިން ލިބޭ ފައިސާ އެއްގެ އަދަދުން ކަމަށެވެ.
މި އަހަރުގެ ބަޖެޓުގައި މަރޮއްޓަށް ހިމަނާފައިވާ ފައިސާ މަދު ވުމާ ގުޅިގެން އޭގެ މަސައްކަތް ފުރަތަމަ އަށް މަހު ކުރިއަށް ނުގެންދެވުނު ކަމަށާއި އެ ބަނދަރު ހެދުމަށް ކޮންސަލްޓަންޓެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ބާކީ އޮތް ދޮޅު މަސް ދުވަސް ތެރޭގައި ކޮންސަލްޓެންސީގެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މަރޮށީ ބަނދަރުގެ މަސައްކަތް އަންނަ އަހަރު ފައްޓައި 2016 ވަނަ އަހަރު ބަނދަރުގެ މަސައްކަތް ނިމޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.