އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސަނަލް އާއި ސްވެންސީ ބައްދަލު ކުރި މެޗު ފަހަތުން އަރައި ތިން މިނެޓު ތެރޭ ދެ ލަނޑު ކާމިޔާބުކޮށް 2-1ގެ ނަތީޖާއަކުން އާސަނަލްގެ މައްޗަށް ސްވެންސީ ކުރި ހޯދައިފި އެވެ.

މެޗުގެ ފުރަތަމަ ވަގުތުކޮޅު ތެރޭ އާސަނަލް އިން ސްވެންސީގެ ހާފް ތެރޭ ގިނައިރު ބޯޅަ ގެންގުޅެފައިވާ އިރު، އާސަނަލް އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް އުފެއްދޭ ގޮތް ނުވެފަ އެވެ. މިކަމުގެ ބޭނުން ހިފައި ސްވެންސީ އިން ވަނީ ކައުންޓާ އެޓޭކްގައި ރަނގަޅު ހަމަލާތަކެއް އުފައްދާފަ އެވެ.

ފުރަތަމަ ހާފްގެ މެދުތެރޭ މެޗުގެ ކުޅުމަށް އަތުރަށް ދިރުން އަންނަން ފައްޓާފައިވާ އިރު، މި ހާފްގެ 35 ވަނަ މިނެޓުގައި ސްވެންސީގެ މާވިން އެމްނޭސް ވަނީ އާސަނަލްގެ ގޯލަށް ބާރު ޝޮޓެއް ފޮނުވާލާ، އެ ޓީމްގެ ކީޕަރަށް އުނދަގޫ ސޭވް އެއް ކުރަން ޖައްސާފަ އެވެ.

ދެ ޓީމުން ވެސް މި ހާފްގައި ދައްކާފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް 45 މިނެޓު ނިމިގެން ދިޔަ އިރު، އެއްވެސް ޓީމަކަށް މެޗުގައި ލީޑް ނެގިފައެއް ނުވެ އެވެ.

މެޗުގެ ދެވަނަ ހާފް އާސްނަލްއިން ފައްޓާފައި ވަނީ ސްވެންސީގެ ގޯލަށް ފޮނުވާލި ރަނގަޅު ހަމަލާއަކާ އެކީއެވެ. ގިނަ ރީނދޫ ކާޑުތަކެއް ފެނިގެނަ ދިޔަ މި ހާފްގައި، އާސަނަލްއަށް ހިންހަމަޖެހުމެއް ލިބިފައި ވަނީ މެޗުގެ 63 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ލިބުމުންނެވެ. ވެލްބެކް ނަގައިދިން ރީތި ބޯޅައަކުން އާސަނަލްއަށް މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ އެލެކްސިސް ސަންޗޭޒް އެވެ.

ސްވެންސީ އިން ވަނީ ކޮއްޓުމާއެކީ އާސަންލްއަށް ރަނގަޅު ރައްދެއް ދީފަ އެވެ. ނަމަވެސް އެ ޓީމްގެ ވިލްފްރެޑް ބޯނީ ފޮނުވަލި ޝޮޓު ބޭރަށް ގޮސްފައިވާ އިރު، ސްވެންސީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވިފައި ވަނީ މެޗުގެ 75 ވަނަ މިނެޓުގަ އެވެ. ލިބުނު ހިލޭ ޖެހުމަކުން މި ރީތި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދާފައި ވަނީ ސްވެންސީގެ ގިލްފީ ސިގާޑްސަން އެވެ.

އޭގެ ތިން މިނެޓުފަހުން ސްވެންސީން ވަނީ އެ ޓީމްގެ ދެވަނަ ލަނޑު ކާމިޔާބުކޮށް އާސަނަލް ސިއްސުވާލާފަ އެވެ. މޮންޓޭރޯ ނެގި ހުރަހަކުން ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލާ، މެޗުގެ 78 ވަނަ މިނެޓުގައި ސްވެންސީއަށް ލީޑް ނަގައިދީފައި ވަނީ މެޗުގެ 76 ވަނަ މިނެޓުގައި ކުޅެން އެރި ސްވެންސީގެ ބަދަލު ކުޅުންތެރިޔާ ގޯމިސް އެވެ.

ސްވެންސީން ނެގި މި ލީޑާއި އެކު އާސަނަލްއިން ވަނީ ބަދަލުތަކެއް ގެންސް ސްވެންސީއަށް ޕްރެޝާ ކުރަން ފައްޓާފަ އެވެ. ނަމަވެސް އިތުރު ވަގަތުގެ ގޮތުގައި ދައްކާފައިވާ ފަސް މިނެޓާއެކު ވެސް އާސަނަލްއަށް ވަނީ ލަނޑެއް ކާމިޔާބު ކުރެވޭގޮތް ނުވެފަ އެވެ.

މި މެޗުގެ ނަތީޖާއާއި އެކު ސްވެންސީ ވަނީ ލީގް ތާވަލްގައި އާސަނަލް އަށް ވުރެ އެއް ޕޮއިންޓް ކުރިއަށް ޖެހިލާފަ އެވެ. އާސަނަލްއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް ބަލިވެފައިވާ ސްވެންސީ 18 ޕޮއިންޓާ އެކު ތާވަލްގެ ފަސްވަނައަށް ޖެހިލާފައިވާ އިރު، 17 ޕޮއިންޓާ އެކު އާސަނަލް ވަނީ ތާވަލްގެ ހަވަނަ މަގާމްގައި މިވަގުތަށް ފަރުޖައްސާލަން ޖެހިފަ އެވެ.

ތާވަލްގެ ހަތަރުވަނައިގަ އޮތް ވެސްޓް ހޭމް އަށް ވެސް މުޅިއަކު 18 ޕޮއިންޓް ލިބިފައިވާ އިރު، 16 ޕޮއިންޓާ އެކު ތާވަލްގެ ހަތްވަނައާއި އަށްވަނައިގާ އޮތް މެންޗެސްޓާ ޔުނައިޓަޑް އާއި ނިއިކާސްލްއިން ދަނީ މިރޭ މެޗު ކުޅުން ދެ ޓީމުގެ ކުރި ތާވަލްގައި ހޯދުމަށް ގާތުން ވާދަ ކުރަމުން އެވެ.