10 Nov 2014, 12:15
އަންނަ އަހަރަށް ސަރުކާރުން ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓަކީ މި ސަރުކާރުގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް ހުށައަޅާފައިވާ ބަޖެޓެއް ނޫން ކަމަށާއި އެ ބަޖެޓާ ޕީޕީއެމްގެ މެނިފެސްޓޯއާ އެއްވެސް ގުޅުމެއް ނެތް ކަމަށް އެމްޑީޕީ އިން ބުނެފި އެވެ.
އަންނަ އަހަރަށް ދައުލަތުން ހުށައަޅާފައިވާ 24 ބިލިއަން ރުފިޔާގެ ބަޖެޓް "އެމްޑީޕީ އިން ދިރާސާކުރި ރިޕޯޓް" ހާމަކުރުމަށް މިއަދު އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ވައިސް ޗެއާޕާސަން އަލީ ނިޔާޒު ވިދާޅުވީ އެ ބަޖެޓުގައި ހިމަނާފައިވާ އަދަދުތަކަކީ އެއިން ރައްޔިތުންނަށްވާ ފައިދާ އަށް ވުރެ ބޮޑު ގެއްލުމެއް ދައްކާނެ ކަންކަން ކަމަށެވެ.

މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
"މި ބަޖެޓާ މެދު އަޅުގަނޑުމެން ދެކޭ ގޮތަށް ބަލާލާ އިރު މިއީ 2013 ވަނަ އަހަރު ޕީޕީއެމްގެ ސަރުކާރުން ހުށައެޅި މެނިފެސްޓޯ ތަންފީޒުކުރަން ހުށައަޅާފައިވާ ބަޖެޓެއް ނޫން. އެގޮތުން ރައީސް ޔާމީން 2013 ވަނަ އަހަރު ވެފައިވާ ވައުދުތައް ބަޖެޓުން ރިފްލެކްޓް ނުވާކަން ފާހަގަ ކުރަން،" ނިޔާޒު ވިދާޅުވި އެވެ.
އެމްޑީޕީ އިން ބުނީ 2015 ވަނަ އަހަރުގެ ބަޖެޓުގައި ގިނަ މައްސަލަތަކެއް ވާކަން އެ ޕާޓީ އަށް ފާހަގަކުރެވޭ ކަމަށެވެ.
އެގޮތުން 94،000 ވަޒީފާ އުފައްދާނެ ކަމަށް ރައީސް ޔާމީން ވައުދުވެވަޑައިގެންފައިވާ އިރު އެއިން ގިނަ ވަޒީފާތަކެއް މިހާހިސާބަށް އައި އިރު ފެންނަން ނެތްކަމަށް އެ ޕާޓީން ފާހަގަކުރެ އެވެ. އެގޮތުން ސިޔާސީ މަގާމްތަކުގެ ބޭރުން 500 އަށް ވުރެ ގިނަ ވަޒީފާ އުފެދިފައި ނުވާ ކަމަށް އެ ޕާޓީން ބުނެ އެވެ.

މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
އޭގެ އިތުރުން އަލަތު ކައިވެންޏާ އެކު ދޭން ބުނާ އެއްވެސް ފްލެޓެއްގެ ވާހަކައެއް ބަޖެޓުގައި ފެންނަން ނެތް ކަމަށާއި ބެޔަސް ނުބެޔަސް އާއި ދަނޑުވެރިންނަށް ދޭން ބުނާ ފައިސާގެ އެއްވެސް ކަމެއް ބަޖެޓުގައި ފެންނަން ނެތް ކަމަށް އެ ޕާޓީން ބުނެ އެވެ.
އަދި ކުޅުދުއްފުށީގައި އެއާޕޯޓެއް ހެދުމުގެ ވާހަކަ ވެސް ބަޖެޓުން ފެންނަން ނެތްކަމަށް އެ ޕާޓީން ބުނެ އެވެ. އަދި ސަރުކާރުން ތައާރަފްކުރާ ގްރީން ޓެކްސްގެ ސަބަބުން ކުދި އަދި މެދުފަންތީގެ ރިސޯޓުތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.