އިނގްލެންޑްގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމްގެ 15 އަހަރުގެ ދަރިފުޅު ބްރޫކްލިން ބެކަމް އެއް އަހަރު ދުވަހުގެ މުއްދަތަކަށް އާސަނަލް އަށް ސޮއިކޮށްފި އެވެ.

ޔޫކޭގެ މަޝްހޫރު ސްޕޯޓްސް މެގަޒިންއެއް ކަމަށްވާ ޑެއިލީ ސްޓާ އިން ބުނެފައިވާ ގޮތުގައި، އާސަނަލް އިން ޑޭވިޑް ބެކަމްގެ އެންމެ ދޮށީ ދަރިފުޅު ބްރޫކްލިން ބެކަމްއާ އެކު ކޮންޓްރެކްޓް ހަދާފައި ވަނީ ތަމްރީނުތަކުގައި އޭނާގެ ކުޅުމުގެ ފެންވަރަށް ބަލައިފަ އެވެ. އަދި އޭނާ މިހާރު ކުޅޭ ފެންވަރުގެ ކުޅުމެއް ކުރިއަށް އޮތްތަނުގައި ދައްކައިފިނަމަ، ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގައި އޭނައާ އެކު ސޮއިކުރާނެ ކަމަށް އެ ކްލަބުން ބުނެފައިވެ އެވެ.

އާސަނަލްއިން ބްރޫކްލިން އާ އެކު ކޮންޓްރެކްޓް ހަދާފއި މި ވަނީ މެންޗެސްޓާ ޔުނައިޓަޑާއި ޗެލްސީ އިން ވެސް އޭނާއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.


"އެހެން ޓީމުތަކުން އޭނާ އަށް ޝައުގުވެރިކަން ފާޅު ކޮށްފައިވޭ. އާސަނަލްއިން އޭނާ އާ އެކު ކޮންޓްރެކްޓެއްގައި ސޮއިކޮށްފައި ވަނީ ކޯޗް ވެންގާއަށް އޭނާގެ ކިބައިގައި ފުޓްބޯޅަ ކުޅުމުގެ ހުނަރު ހުރިކަން ފާހަގަވުމުން. އަންނަ އަހަރު ބޮޑު އަގަކަށް އޭނާ އާއެކު ކޮންޓްރެކްޓެއްގައި ސޮއިކުރާތަން ފެނުމަކީ އެކަށީގެންވާ ކަމެއް،" އާސަނަލްއިން ވާހާކަ ދެއްކި ފަރާތަކުން ބުންޏެވެ.

ބްރޫކްލިންގެ ބައްޕަ ޑޭވިޑް ބެކަމް ކުރިން ކުޅެފައި ވަނީ މެންޗެސްޓާ ޔުނައިޓަޑަށެވެ. އިންގްލެންޑްގެ ގައުމީ ޓީމަށް ވެސް ކުޅެފައިވާ ބެކަމްގެ އެންމެ ހަގު ދަރިފުޅު، ނުވަ އަހަރުގެ ކްރޫޒް ވެސް އަންނަނީ އާސަނަލްގެ ދިހަ އަހަރުން ދަށުގެ ޓީމަށް ކުޅެމުންނެވެ.