10 Nov 2014, 10:34
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރުންގެ ވަކާލާތު ކުރުމުގެ ހުނަރު އިތުރު ކުރުމަށް ކޮމަންވެލްތު ރޫލް އޮފް ލޯ ޑިވިޝަނުން ބާއްވާ ތިން ދުވަހުގެ ވޯކްޝޮޕެއް މިއަދު ފަށައިފި އެވެ.
ނަސަންދުރަ ޕެލަސް ހޮޓަލުގައި މިއަދު ފެށި އެވޯކްޝޮޕްގައި މައުލޫމާތު ދެއްވާނީ ކޮމަންވެލްތު ރޫލް އޮފް ލޯ ޑިވިޝަންގެ ހަތަރު މާހިރުންނެވެ. އެ ހަތަރު ބޭފުޅުންނަކީ ވެސް އިނގިރޭސިވިލާތާއި ކޮމަންވެލްތުގެ ފަރާތުން ވަކާލާތު ކުރެއްވުމުގައި ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ ބޭފުޅުންނެވެ.

ކޮމަންވެލްތު ރޫލް އޮފް ލޯ ޑިވިޝަނުން ނަސަންދުރަ ޕެލަސް ހޮޓަލުގައި މިއަދު ފެށި އެވޯކްޝޮޕްގެ ތެރެއިން-- ސަން ފޮޓޮ ޔޫސުފް ސޮފްވާން
ވޯކްޝޮޕް ފެށުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ޕްރޮސެކިއުޓަ ޖެނެރަލް މުހުތާޒު މުހުސިންއާއި އެޓާނީ ޖެނެރަލް އަހުމަދު އަނިލް ބައިވެރިވެވަޑައިގެންނެވި އެވެ. އެ ރަސްމިއްޔާތުގައި ޕީޖީގެ ވަކީލުންނާ މުހާތަބުކުރައްވަމުން އަނިލް ވިދާޅުވީ ރަނގަޅު ގޮތުގައި ވަކާލާތު ކުރުމަށް ޓަކައި އިތުރުކުރަން ޖެހެނީ ހަމަ އެކަނި ވާހަކަ ދެއްކުމުގެ ހުނަރު ނޫން ކަމަށާއި ތަފާތު ހުނަރުތައް އިތުރުކުރަން ޖެހޭ ކަމަށެވެ.
"...ވަކާލާތު ކުރުމަކީ ހަމައެކަނި ވާހަކަ ދެއްކުންތެރިކަން އިތުރުކުރުމެއް ނޫން. އެއީ ވަކާލާތު ކުރުމުގެ އެކި އެކި ހުނަރުތައް އިތުރުކުރުން. އޭގެ ތެރޭގައި، އެ ދައްކާ ވާހަކައަކީ ހަމަޖެހޭ އޮއްޓަރު ހުރި ވާހަކައަކަށް ވާންޖެހޭ،" އޭނާ ވިދާޅުވި އެވެ.

ކޮމަންވެލްތު ރޫލް އޮފް ލޯ ޑިވިޝަނުން ނަސަންދުރަ ޕެލަސް ހޮޓަލުގައި މިއަދު ފެށި އެވޯކްޝޮޕްގެ ތެރެއިން-- ސަން ފޮޓޮ ޔޫސުފް ސޮފްވާން
ވަކާލާތު ކުރުމުގެ ފެންވަރު ރަނގަޅު ކުރުމަށް ލިބިގަންނަން ޖެހޭ ގިނަ ހުނަރުތަކެއް އޭޖީ ވިދާޅުވެ ދެއްވި އެވެ. އަދި ޕީޖީގެ ވަކީލުންނަށް ވޯކްޝޮޕެއް ހިންގަވައިދެއްވުމަށް ރާއްޖެ އަށް ވަޑައިގެންނެވި ކަމަށް ޓަކައި ކޮމަންވެލްތުގެ މާހިރުންނަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.