ވޮޝިންޓަން (ނޮވެމްބަރ 10): އައިއެސް ޖަމާއަތާ ދެކޮޅަށް އެމެރިކާ ކުރަމުންގެންދާ ހަނގުރާމަ އައު މަރްހަލާއަކަށް ވަދެއްޖެ ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

އޮބާމާ ވިދާޅުވީ އައިއެސްއާ ދެކޮޅަށްދޭ ވައިގެ ޙަމަލާތައް ކާމިޔާބު ކަމަށާ އެޙަމަލާތަކުގެ ސަބަބުން އައިއެސްގެ ޖަމާއަތުގެ ކުރިއެރުން ހުއްޓުވިފައިވާ ކަމުގަ އެވެ. އެމެރިކާގެ ސީބީއެސް ޓީވީ ނެޓްވާކަށް ދެއްވި ބަސްދީގަތުމެއްގައި އޮބާމާ ވިދާޅުވީ އައިއެސްއާ ދެކޮޅަށް ބިންމަތީގައި ހަނގުރާމަކުރާ އިރާގުގެ ލަޝްކަރުތަކަށް ބޭނުންވާ އިތުރު ތަމްރީންނާއި މަޝްވަރާ ދިނުމަށް ޓަކައި އެމެރިކާގެ އިތުރު ފަނަރަ ސަތޭކަ ސިފައިން އިރާގަށް ފޮނުވުމަށް ނިންމަވާފައިވާ ކަމަށާ މިނިންމުމަކީ އައިއެސްއާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމަ އައު މަރްހަލާއަކަށް ވަނުން ކަމުގަ އެވެ.

މި ފަނަރަސަތޭކަ ސިފައިން އިރާގަށް ފޮނުވުމާ އެކު އައިއެސްއާ ދެކޮޅަށް ކުރާ ހަނގުރާމަ ދިފާޢީ ހަނގުރާމައަކުން އިސްވެ ޙަމަލާދޭ ހަނގުރާމައަކަށް ބަދަލުވެގެންދާނެ ކަމަށާއި މިއީ އައިއެސް ބަލިކޮށްލުމަށް ގެންގުޅުއްވާ ސްޓްރެޓެޖީ ކާމިޔާބުވަމުންދާ ކަމުގެ ހެއްކެތްކަމަށް ވެސް އޮބާމާ ވިދާޅުވި އެވެ. އޮބާމާ ވިދާޅުވީ އައިއެސްއާ ދެކޮޅަށް ރާވާފައިވާ ސްޓްރެޓީޖިކް ޕްލޭންގެ ފުރަތަމަ މަރްޙަލާގައި ހިމެނެނީ އިރާގުގެ ހުރިހާ ފަރާތްތަކެއް ވެސް ޝާމިލްވާ ސަރުކާރެއް އެކުލަވާލުމާއި އައިއެސްއާ ދެކޮޅަށް ބައިނަލްއަގްވާމީ އިއްތިޙާދެއް އެކުލަވާލައި އެޖަމާއަތުގެ އަމާޒުތަކަށް ވައިގެ ޙަމަލާތައް ފެށުންކަމަށާއި މިކަންކަން މިހާރު ކުރެވިފައިވާ ކަމުގަ އެވެ.

އައިއެސްއާ ދެކޮޅަށް ރާވާފައިވާ ސްޓްރެޓީޖިކް ޕްލޭންގެ ދެވަނަ މަރްޙަލާ ގައި އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި އައިއެސްއާ ދެކޮޅަށްކުރާ ހަނގުރާމަ ދިފާޢީ ހަނގުރާމައަކުން އިސްވެ ޙަމަލާދިނުމުގެ ހަނގުރާމައަކަށް ބަދަލުކުރުމާއި އެއްގަމު މަގުން އައިއެސްއަށް ދޭ ޙަމަލާތައް ފުޅާކޮށް އެޖަމާއަތް ހިސާރުކޮށް ވަށާލުން ހިމެނޭ ކަމަށް ވެސް އޮބާމާ ވިދާޅުވި އެވެ. އައިއެސްއާ ދެކޮޅަށް ބިންމަތީގައި ހަނގުރާމަކުރާ އިރާގުގެ ލަޝްކަރުތަކަށް ބޭނުންވާ ތަމްރީންނާއި މަޝްވަރާ ދިނުމަށްޓަކައި އެމެރިކާގެ އިތުރު ފަނަރަ ސަތޭކަ ސިފައިން އިރާގަށް ފޮނުވުމަށް އޮބާމާ ނިންމެވި ނިންމެވުމަކީ އޭނާގެ ސްޓްރެޓެޖީ ނާކާމިޔާބު ވުންކަމަށް އެމެރިކާގެ އިދިކޮޅު ސިޔާސީ ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ. (ބީބީސީ)