ބަޣްދާދު (ނޮވެމްބަރު 10): އައިއެސް ޖަމާއަތުގެ ކޮންޓްރޯލްގެ ދަށުގައިވާ އިރާގުގެ ހުޅަނގުގެ އަލްއަންބާރު ގަވަރނޭޓްގެ ރަށެއްކަމަށްވާ އަލްގާއިމްގައި ކުރިޔަށްދިޔަ އެޖަމާއަތުގެ އިސް ލީޑަރުންގެ ބައްދަލުވުމަކަށް އަމާޒުކޮށް އެމެރިކާ ދިން ވައިގެ ޙަމަލާތަކެއްގައި އެޖަމާއަތުގެ އިސްލީޑަރު އަބޫބަކްރުލްބަޣްދާދީ ވަރަށް ބޮޑަށް ޒަޚަމްވެ އިތުރު ދެ ލީޑަރަކު މަރުވެފައިވާ ކަމަށް އިރާގުން ބުނެފި އެވެ.

އިރާގުގެ އަސްކަރީ މަސްއޫލުވެރިންނާ ޙަވާލާދީ އެގައުމުގެ ޚަބަރުފަތުރާ ވަސީލަތްތައް ބުނާ ގޮތުން ބަޣްދާދީ މިހާރު ވަނީ އަލްއަންބާރު ސަރަހައްދުގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފަ އެވެ. އަލްގާއިމްއަށް ދިން ޙަމަލާތަކުގައި ބަޣްދާދީ ޒަޚަމްވެފައިވާ ކަމަށް އައިއެސްގެ ލީޑަޝިޕަށް ނިސްބަތްވާ މީހަކު ކޮށްފައިވާ ޓުވީޓެއްގައި ވެސް ކަށަވަރުކޮށްދީފައިވެ އެވެ. ނަމަވެސް ބަޣްދާދީ ޒަޚަމްވިކަން އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ކަށަވަރުކޮށެއް ނުދެ އެވެ.

ނަންހާމަކުރައްވަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވީ މޫސިލްއިން ދަތުރުކުރި އައިއެސްގެ ލީޑަރުން ތިބި ވެހިކަލްތަކަށް އެމެރިކާގެ ވައިގެ ޙަމަލާތަކެއް އަމާޒުކޮށްފައިވާނެ ކަމަށާ އަދި އަލްގާއިމްގައި ކުރިޔަށްދިޔަ އައިއެސްގެ އިސް ލީޑަރުންގެ ބައްދަލުވުމަކަށް ވެސް ވައިގެ ވަރުގަދަ ޙަމަލާތަކެއް ދީފައިވާނެ ކަމުގަ އެވެ. ނަމަވެސް މިއިން ޙަމަލާއެއްގައި ބަޣްދާދީ ޒަޚަމްވިކަންވެސް އަދި އައިއެސްގެ އެހެން ލީޑަރަކު މަރުވިކަން ވެސް އެނގިފައިނުވާ ކަމަށް އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވި އެވެ.

އިރާގުގެ ޖާސޫސީ އެޖެންޓުންނާ ޙަވާލާދީ އިރާގުގެ އަސްކަރީ ބައެއް ކޮމާންޑަރުން ވަނީ އަލްގާއިމްގައި ކުރިޔަށްދިޔަ އައިއެސްގެ ލިޑަރޝިޕްގެ ބައްދަލުވުމަށް އަމާޒުކޮށް އެމެރިކާ ދިން ވައިގެ ޙަމަލާތަކުގައި ފުރާނައަށް ނުރައްކާވާވަރަށް ބަޣްދާދީ ޒަޚަމްވެފައިވާކަން ކަށަވަރުކޮށް ދެއްވާފަ އެވެ. (ނޫސްއެޖެންސީތައް)