އަވަސް އިންތިހާބު ބޭއްވުމުގެ ކުރީން ލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ބާރުތައް ދޫކުރުމަށް އެެއްބަސް ނުވާ ނަމަ ސަޕޯޓް އަނބުރާ ގެންދާނެ ކަމުގެ އިންޒާރު އެންމެ ބޮޑު ބުޑިސްޓް ޕާޓީ އިން ރާޖަޕަކްސާ އަށް އިއްޔެ ދީފި އެވެ.

ދަ ޖުހޫ ނޫނީ ލަންކާގެ ނޭޝަނަލް ހެރިޓޭޖު ޕާޓީއާ ހަވާލާދީ ލަންކާގެ ނޫސްތަކުން އިއްޔެ ބުނީ ރައީސް ރާޖަޕަކްސާގެ ވައުދަށް އިހްތިރާމުކޮށް، ގާނޫނު އަސާސީ އަލުން ލިޔެ، ސިވިލް ސާވަންޓުން، ފަނޑިޔާރުން، ފުލުހުން އަދި އިލެކްޝަންސް ޗީފަށް މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށް ގޮވާލާ ކަމަށެވެ.

"ވައުދުވެފައިވާ ކަންކަން ނުނިންމައި އިންތިހާބު ބާއްވާ ނަމަ، މަހިންދާ ރާޖަޕަކްސާ ބަލިކުރުމަށް ކުރެވުނު ކޮންމެ ކަމެއް ކުރާނަން،" ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު އަދި ބުޑިސްޓް މޮންކޮ އަތުރަލިޔާ ރަޓަނާ ވިދާޅުވި އެވެ.

ރާޖަޕަކްސާ 2005 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތީ ވެސްޓްމިނިސްޓާ - ސްޓައިލް ޕާލަމެންޓްރީ ޑިމެކޮރަސީއެއް ގެންނަވާނެ ކަމުގެ ވައުދާ އެކު އެވެ. ނަމަވެސް 2010 ވަނަ އަހަރު ހަ އަހަރުގެ ދެ ވަނަ ދައުރަކަށް އިންތިހާބުވުމަށް ފަހު ރާޖަޕަކްސާ ގާނޫނު އަސާސީ އަށް ގެންނެވި ބަދަލަކީ ވިދިވިދިގެން ދެ ދައުރަށް ވުރެ ގިނަ ދުވަހު އެންމެ މަތީ މަގާމުގައި ނުހުންނެވޭނެ ކަމަށް ބުނާ މާއްދާ ގާނޫނު އަސާސީ އިން އުނިކުރެއްވުމެވެ.

ސަރުކާރުގެ މިނިސްޓަރުން ވިދާޅުވަމުން އަންނަނީ ރައީސްގެ ދައުރު ނިމުމުގެ ދެ އަހަރު ކުރިން، އަންނަ ޖެނުއަރީ މަހު އަވަސް އިންތިހާބެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ދަ ޖުހޫ ޕާޓީ އިން، 225 މެމްބަރުންގެ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ ތިން މެމްބަރުންނެވެ. ނަމަވެސް އެ ޕާޓީ އަކީ ލަންކާގެ ބްޑިސްޓް ކޮމިއުނިޓީގެ މެޖޯރިޓީގެ މައްޗަށް ނުފޫޒު ފޯރުވުމުގެ ބާރު ލިބިގެންވާ ޕާޓީއެކެވެ.

އެ ޕާޓީ އިން ބުނީ އަންނަ ބުދަ ދުވަހު ކޮލަމްބޯގައި އެ ޕާޓީގެ ބޮޑު ރެލީއެއް ބާއްވައި ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ވާހަކަ އިން ގުގުމާލާނެ ކަމަށެވެ.

"ރައީސަށް ފެނިވަޑައިގަންނަވާނެ އަހަރުންގެ ތާއީދު އޮތް ވަރު، އޭރުން އަވަސް އިންތިހާބުގެ ކަންތަތައް ހުއްޓަވާލައްވަވާފާނެ،" ރަޓަނާ ވިދާޅުވި އެވެ. "އަހަރުންގެ މަގުސަދަކީ ރައީސް ވައުދުވެފައިވާ ކަންތަތައް ފުރިހަމަ ކުރުވުން."

މޮންކް ބުނީ ރާޖަޕަކްސާގެ "ސްރީލަންކާ ފްރީޑަމް ޕާޓީ"އާ އެކު އޮތް ކޯލިޝަން ދެމެހެއްޓުމަށް ކުރި މަސައްކަތް ފޭލިވެފައިވާ ކަމަށާއި ދަ ޖުހޫ ޕާޓީ އަށް އޮތީ ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ ރިފޯމަށް މަސައްކަތް ކުރުން ކަމަށެވެ.

ރާޖަޕަކްސާ އާ ދެކޮޅު ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި ރާޖަޕަކްސާ އަށްް ތިން ވަނަ ދައުރަކަކަށް ކުރިމަތި ލެއްވުމުގެ ފުރުސަތު ކުޑަ އެވެ. އެ ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި ގާނޫނު އަސާސީ އަށް ގެނައި ބަދަލަށް އަމަލު ކުރެވޭނީ އާ ރައީސަކަށެވެ. ވެރިކަމުގައި ހުންނެވި ބޭފުޅެއްގެ މައްޗަށް އެ މާއްދާއެއް ނުހިންގޭނެ އެވެ.

ރާޖަޕަކްސާގެ މަގުބޫލުކަން ސިންގަޅަ ކޮމިއުނިޓީގައި ބޮޑުވީ 37 އަހަރު ވަންދެން ލަންކާގައި ވަކިވެ ގަތުމަށް ހިންގި ދާހިލާ ހަނގުރާމަ 2009 ވަނަ އަހަރު ނިމުމަކަށް ގެންނެވުމުންނެވެ. ނަމަވެސް މިދިޔަ މަހު ބޭއްވި ލޯކަލް އިންތިހާބުގައި ރާޖަޕަކްސާގެ ޕާޓީ އަށް ވަނީ، އޭނާ ވެރިކަމުގައި ހުންނެވި ނުވަ އަހަރުގައި ކުރިމަތި ނުވާ ވަރަށް ތާއީދު ދަށަށް ގޮސްފަ އެވެ.

އަދި ހަމަ އެއާ އެކު ތަމަޅަ ހަނގުރާމަ ނިންމި 2009 ވަނަ އަހަރު 40،000 ތަމަޅަ އާންމުން ރާޖަޕަކްސާގެ ސިފައިން މެރިކަމުގެ ތުހުމަތުގައި ބޭރުގެ ޕްރެޝަރު ވެސް ރާޖަޕަކްސާ އަށް ވަނީ ބޮޑުވެފަ އެވެ.

ލަންކާގެ މަސްދަރުތައް ބުނާ ގޮތުން ރާޖަޕަކްސާ އާ ކުރިމަތި ލެއްވުމަށް ކޮމަން ކެންޑިޑޭޓެއް ނެރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ކޮމަން ކެނޑިޑޭޓެއްގެ ގޮތުގައި ނުކުންނާނެ ކަމަށް ބެލެވެނީ ބްޑިސްޓް މޮންކޮ ނޫނީ ކުރީގެ ރައީސާ ޗަންދުރިކާ ކްމާރަތުންގާ އެވެ.