ދިރާގު ދިވެހި ލީގްގެ އެންމެ ފަހު މެޗުގައި މާޒިޔާ ސްޕޯޓް އެންޑް ރެކްރިއޭޝަން ކްލަބު އަތުން 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށް، ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ލީގުގެ އައްޑަނަ އުފުލާލައިފި އެވެ.

ދިރާގު ދިވެހި ލީގުގެ އައްޑަނަ ނިއުއިން އުފުލާލީ 52 ޕޮއިންޓާއެކު އެވެ. އަދި ތާވަލްގެ ދެ ވަނަ މަގާމުގައި މާޒިޔާ އޮތީ 45 ޕޮއިންޓާއެކުގަ އެވެ.

މާޒިޔާއާ ދެކޮޅަށް ނިއު މިރޭ ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ކާމިޔާބުކޮށް މެޗުގެ ލީޑު ނެގީ ވަނީ މާޒިޔާ އިންނެވެ. މެޗުގެ އަށްވަނަ މިނެޓުގައި މާޒިޔާގެ ނާޝިދު ނަގައިދިން ކޯނަރަކުން އެ ޓީމަށް އެ ލަނޑު ކާމިޔާބު ކޮށްދިނީ އެ ޓީމްގެ އިބްރާހިމް އަބްދުﷲ (އިއްބެ) އެވެ. މެޗުގައި ނިއު އިން ޖެހި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައި ވަނީ މެޗުގެ 15 ވަނަ މިނެޓުގައި އުމެއިރު ނަގައިދިން ކޯނަރަކުން އެ ޓީމްގެ މުހަންމަދު ޝިފާން (ކުޑައްޓޭ) އެވެ.

މެޗުގައި ދެ ޓީމުން ވެސް ރަނގަޅު ހަމަލާތަކެއް އުފައްދާފައި ވާއިރު، ދެ ޓީމުން ވެސް ދައްކާފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. އެގޮތުން މެޗުގައި ފުރަތަމަ ހާފުގެ ފަހު ވަގުތު ކޮޅު މާޒިޔާގެ އަސަދުﷲ އާއި އަބޫ ވަނީ ނިއުގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް އަމާޒުކޮށްފަ އެވެ. އަދި އޭގެ ބަދަލުގައި ނިއުގެ ފަޒީލް (އޮއްޕޮ) އާއި އުމެއިރު ވަނީ މާޒިޔާގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ.

މެޗުގެ ދެވަނަ ހާފްގެ ފަހު ވަގުތުކޮޅު މާޒިޔާގެ އަބޫ އަށް ނިއުގެ ޝިފާން ކުރި ފައުލަކާ ގުޅިގެން މާޒިޔާއިން ވަނީ ޕެނަލްޓީއަކަށް އެދިފަ އެވެ. ނަމަވެސް ޕެނަލްޓީ އެޕީލް ރެފްރީ ބަލައިގައިންފައި ނުވާތީ މެޗު ނިމުނު އިރު ނަތީޖާއަށް އިތުރު ބަދަލުތަކެއް ނާދެ އެވެ.

އެ މެޗަށް ފަހު ލީގުގެ އެއްވަނަ މަގާމް ލިބުނު ނިއުއަށް ޝީލްޑް ހަވާލު ކުރީ މެޗުގެ ޝަރަފްވެރި މެހެމާން، ރައީސް އޮފީހުގެ މިނިސްޓަރ މުހަންމަދު ހުސެއިން ޝަރީފު (މުންދު) އެވެ.

މުބާރާތުގެ ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ މާޒިޔާގެ މުހަންމަދު އާރިފް (ބަކާ) އެވެ.

މުބާރާތުގެ އެންމެ މޮޅު ކީޕަރުކަން ނިއުގެ އިމްރާން މުހަންމަދު ހޯދާފައި ވާއިރު، މުބާރަތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވިފައި ވަނީ ވިކްޓްރީ ސްޕޯޓްސް ކްލަބެވެ.

އެ ރަސްމިއްޔާތުގައި މުބާރާތުގެ ދެ ވަނައަށް ދިޔަ މާޒިޔާއަށާއި ތިން ވަނައަށް ދިޔަ އީގަލްސަށާއި ހަތަރު ވަނައަށް ދިޔަ ވިކްޓްރިއަށް ވަނީ މުބާރާތުގެ އިނާމު ހަވާލު ކޮށްފައެވެ.