10 Nov 2014, 00:03
ސަރުކާރުގެ ކެބިނެޓްގެ އެއްވެސް މިނިސްޓަރެއްގެ ކޮރަޕްޝަންގެ މައްސަލައެއް އޮތްނަމަ އެ މިނިސްޓަރަކާ ދޭތެރޭ ފިޔަވަޅު އަޅަން މި ސަރުކާރުން ކުޑަކޮށް ވެސް ޖެހިލުމެއް ނުވާނެ ކަމަށް ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް އަހަރު ފުރުން ފާހަގަކުރުމަށް މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ބާއްވާ ހަފްލާގެ މައުލޫމާތު ދިނުމަށް ނަސަންދުރާ ޕެލެސް ހޮޓަލުގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޝައިނީ ވިދާޅުވީ، މި ސަރުކާރަކީ ކޮރަޕްޝަން ހުއްޓުވުމަށް ގެނައި ސަރުކާރެއް ކަމަށެވެ. އަދި ކޮރަޕްޝަންގެ މައްސަލައެއް އޮތްނަމަ އެކަމާ ދޭތެރޭ ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ކޮރަޕްޝަންގެ ތުހުމަތެއް ކުރެވިއްޖެ ނަމަ އެކަމުން ބަރީއަތް ވުމަށް އެމީހަކަށް އެ ފުރުސަތު ދޭންޖެހޭ. އެ ފުރުސަތު ދިނުމަށްފަހު ހަގީގަތުގައި ވެސް އެފަދަ މައްސަލައެއް އޮތްނަމަ މި ސަރުކާރުން ކުޑަކޮށް ވެސް ޖެހިލުމެއް ނުވާނެ. އެމީހަކާ ދޭތެރޭ ފިޔަވަޅު އަޅާނެ،" މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.
މިނިސްޓަރު ޝައިނީ އެހެން ވިދާޅުވެފައިވާއިރު، ސަރުކާރުގެ ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ ކޮރަޕްޝަން މައްސަލަތަކެއް އޮޑިޓަރު ޖެނެރަލް ނިޔާޒު އިބްރާޙިމް ވަނީ ފެންމަތިކުރައްވާފަ އެވެ.
ޝައިނީ ވިދާޅުވީ، ސިޔާސީ މީހުންނާ ދިމާލަށް ތުހުމަތުގެ "އިނގިލި" ދިއްކުރާނެ ކަމަށެވެ. ނަމަވެސް ކޮރަޕްޝަންގެ އެއްވެސް މައްސަލައެއްގައި ސަރުކާރުގެ އެއްވެސް ބޭފުޅަކު ތާށިވެފައިވާތަނެއް ނުފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރަށް އަހަރެއް ފުރެން ގާތްވެފައިވާއިރު، ސަރުކާރުން ވި ވައުދުތަކުގެ ކިތަން ޕަސެންޓް ހާސިލުކުރެވިފައިވޭތޯ ނޫސްވެރިއަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ޝައިނީ ވިދާޅުވީ، ސަރުކާރުން ވި ވައުދުތަކުގެ 90 ޕަސެންޓް މަސައްކަތްވަނީ ފެށިފައި ކަމަށެވެ. އަދި ދެ އަހަރުގެ ތެރޭގައި އެ ވައުދުތައް ފުރިހަމަ ކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުން ރައްޔިތުންނަށް ވެފައިވާ މައިގަނޑު ހުރިހާ ވައުދުތަކުގެ 90 ޕަސެންޓް މަސައްކަތް ވަނީ ފަށާފަ. މުހިއްމު ހުރިހާ ވައުދުތަކެއް ވަނީ ކޮށްދީ ނިމިފަ. ދެއަހަރު ތެރޭގައި ހުރިހާ ވައުދެއް ނިންމަދޭނަން. ބާކީ ތިން އަހަރު އެއީ ތަޖުރިބާ ކުރުމުގެ އަހަރުތައް،" ޝައިނީ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އެއް އަހަރު ދުވަހަކީ ކަންތައްތަކަށް ބޭނުންވެފައި ތިބި ރައްޔިތުން ތަކަކަށް ކަންތައްތަކެއް ކޮށްދޭން އެހާ ގިނަ ދުވަސްތަކެއް ނޫން ކަމަށެވެ. ނަމަވެސް އެ މަދު ދުވަސްކޮޅުގެ ތެރޭގައި ގިނަ ކަންތައްތަކެއް ހާސިލުކުރެވިއްޖެ ކަމަށް ވިދާޅުވި އެވެ.
ރާއްޖެއިން ތެޔޮ ނެގުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ ވަރަށް އަވަހަށް ފެންނާނެ ކަމަށް ވެސް ފިޝަރީޒް މިނިސްޓަރު މިރޭ ވިދާޅުވި އެވެ.
"ވަރަށް އަވަހަށް ނަތީޖާ ފެންނާނެ. އަޅުނގަޑުމެންނާ އެކު ކުރިއަށްދާން ތިބި ފަރާތްތަކާ އެކު ސޮއިކުރާތަން ވަރަށް އަވަހަށް ފެނިގެންދާނެ،" ޝައިނީ ވިދާޅުވި އެވެ.
ތެޔޮ ހޯދުމަށް ސަރުކާރުގެ ބެޖެޓުގައި އެއްވެސް ފައިސާއެއް ހިމަނާފައި ނުވަނީ ކީއްވެގެންތޯ ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ތެޔޮ ހޯދަން ކުރާ މަސައްކަތް އެއީ ބެޖެޓުގައި ޖަހައިގެން ކުރާކަމެއް ނޫން ކަމަށެވެ. ނަމަވެސް އެކަންތައްތަކަށް ބޭރުގެ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެ ފަހުން ކުރި މަސައްކަތަކީ ވެސް ދައުލަތުގެ ބެޖެޓަށް އެއްވެސް ބުރުއެއް ނާންނަ ގޮތަށް ކުރި މަސައްކަތެއް. ރާއްޖޭގެ ހަމަޖެހުމާއި ރާއްޖޭގެ މިކަންތައްތައް ކުރެވޭނެ ކަމުގެ ޕޮޓެންޝަން ދެއްކުނީމަ ބޭރުގެ ފަރާތްތަކުން އެކަންތައްތަކަށް އެހީތެރިވާން އެބަތިބި. އެކަމުގެ ޝައުގުވެރިކަން ފާޅުކުރަމުންދޭ." މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.