ހޯމް މިނިސްޓަރު އުމަރު ނަސީރު އާއި ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ.

އެ ދެ ބޭފުޅުން މިރޭ 7:30 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައި ވަނީ ދެހާސް ބާރަ ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ގދ. ތިނަދޫގައި ހުރި ދައުލަތުގެ ތިން އިމާރާތުގައި ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތަށް ބައެއް މީހުން ބަންދުގައި ބަހައްޓައިގެން ހާޒިރުކޮށްދިނުމަށް ނެރުނު އަމުރެއް ތަންފީޒުކޮށްދީފައި ނުވާތީ އެވެ.

އެ އަމުރު ތަންފީޒުކޮށްދީފައި ނުވާ މައްސަލައާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ވަނީ އެބޭފުޅުންނާ މަޝްވަރާކުރައްވައިފަ އެވެ.

އުމަރާއި ހުސައިން ވަހީދުގެ އިތުރުން ކޮމިޝަނަރު އޮފް ޕްރިޒަމް މުހައްމަދު ހުޝާމާއި ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރައީސާ ފާތިމަތު ސަރީރާ އަލީ ޝަރީފް ވެސް މިރޭ 7:30 އަށް ކޯޓަށް ހާޒިރުވެވަޑައިގަތުމަށް އެ ކޯޓުން ވަނީ އަންގާފައެވެ. ނަމަވެސް އެ ބޭފުޅުން ކޯޓަށް ވަޑައިގަތްކަމެއް ނުވަތަ ނޫން ކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ.

ކުރިން ފުލުހުންގެ މައްޗަށް ނެރުނު އަމުރު ތަންފީޒުނުކުރިނަމަވެސް، ތިނަދޫގައި ހުޅުޖެހި މައްސަލައިގައި ތުހުމަތު ކުރެވޭ 13 މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ދާދިފަހުން ކުރި އަމުރު ފުލުހުން މިއަދު ވަނީ ތަންފީޒުކޮށްދީފަ އެވެ.

ތިނަދޫގައި ހުރި ދައުލަތުގެ ތިން މުއައްސަސާކަމުގައިވާ ޕޮލިސްޓޭޝަނާއި ކޯޓުގެ އިތުރުން އަތޮޅު ކައުންސިލް އިދާރާގައި ހުޅުޖަހައި އަންދާލި މައްސަލައިގެ ތުހުމަތުގައި 89 މީހެއްގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ.