09 Nov 2014, 22:55
އެމްޕްލޯއިމަންޓް އެޕްރޫވަލް ހުށަހެޅުމުގެ އެއްވެސް މަރުހަލާއެއްގައި ސައްހަ ނޫން ލިޔެކިޔުމެއް ހުށަހަޅާނަމަ ވަޒީފާ ދޭ ފަރާތް ބުލެކް ލިސްޓް ކުރާނެ ކަމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ބުނެފި އެވެ.
ރާއްޖެއަށް ވަޒީފާ ހޯދުމަށް އަންނަ ބައެއް ބިދޭސީން ސައްހަ ނޫން ލިޔެކިޔުން ހުށަހަޅާ މައްސަލަ އިތުރުވަމުން ދާތީ އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމްޕްލޯއިމަންޓް އެޕްރޫވަލް ހުށަހެޅުމުގެ އެއްވެސް މަރުހަލާއެއްގައި ސައްހަ ނޫން ލިޔެކިޔުމެއް ހުށަހަޅާނަމަ ވަޒީފާ ދޭ ފަރާތް ބުލެކް ލިސްޓްކޮށް މައްސަލައިގެ ބާވަތަށް ބަލައި ވަކި މުއްދަތެއް ވަންދެން އެމީ ހެއްގެ ނަމުގައި ނުވަތަ އެ ކުންފުންޏެއްގެ ނަމުގައި ބިދޭސީން ވަޒީފާއަށް ނުގެނެވޭނެ ގޮތް ހަދާނެ ކަމަށެވެ. އަދި އެފަދަ އަމަލެއް ހިންގި ފަރާތަކާމެދު ގާނޫނީ ފިޔަވަޅު އެޑިޕާޓްމަންޓުން އަޅާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ސައްހަ ނޫން ލިޔެކިޔުން ހުށަހަޅާ މައްސަލަ އިތުރުވާކަން ފާހަގަކޮށް އިމިގްރޭޝަނުން ބުނީ އެފަދަ ލިޔެކިޔުމުގައި ހުންނަ މައުލޫމާތާއި އެކްސްޕެޓް އޮންލައިން ސިސްޓަމުގައިވާ މައުލުމަތާއި ދިމާނުވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އެކްސްޕެޓް އޮންލައިން ސިސްޓަމުގައިވާ މައުލުމަތަކީ ބިދޭސީން ވަޒީފާއަށް ގެނައުމަށްޓަކައި ވަޒީފާ ދޭ ފަރާތުން ނުވަތަ އެ ފަރާތުން އައްޔަންކޮށްފައިވަ އެޖެންސީއަކުން ހުށަހަޅާ މައުލޫމާތެކެވެ.
އިމިގްރޭޝަންގެ ބަޔާނުގައި ބުނީ ހުށަހަޅާ ސައްހަ ނޫން އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ކޮޕީގައި ލިޔެފައިވާ މުސާރަ ބިދޭސީ މީހާ އާއި ވަޒީފާދޭ ފަރާތާއި ދެމެދުގައި ވެފައިވާ ވަޒީފާގެ އެއްބަސްވުމުގައިވާ އަދަދަށް ވުރެ ބޮޑުކޮށް ލިޔެފައި ހުންނަ ކަމަށެވެ. އަދި ބިދޭސީމީހާއަށް ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ވޯކްސައިޓްގެ މައުލޫމާތު ދިމާނުވާކަން ފާހަގަ ކުރެވޭ ކަމަށް ވެސް ބުނެފައިވެ އެވެ. އެ ބަޔާނުގައި އަދި ބުނީ ހުށަހަޅާ ލިޔުމަކީ ސައްހަ ލިޔުމަކަށްވެފައި އެކްސްޕެޓް އޮންލައިން ސިސްޓަމުގައިވާ މައުލޫމާތާއި ހުށަހަޅާ ލިޔެކިޔުންތަކުގައިވާ މައުލޫމާތާއި ދިމާނުވާނަމަ ރާއްޖޭގަމއި ވަޒީފާ އަދާކުރުމަށް ބިދޭސީ މީހާ އެތެރެވުމުގެ ހުއްދަ ނުދެވޭނެ ކަމަށެވެ.
"މިބާވަތުގެ ކަންކަން އާންމުކޮށް ކުރަމުންދަނީ ވަޒީފާއަށް ރެކްރޫޓް ކުރާ ބިދޭސީން ނިސްބަތްވާ ގައުމުތަކުގެ އިމިގްރޭޝަނަށް އަދި ވަޒީފާއަށް އަންނަ ބިދޭސީންނަށް ހަގީގަތް އޮޅުވާލައިގެން ރެކްރޫޓް ކުރުމުގެ މަގުސަދުގައި ކަމަށް މި ޑިޕާތްމަންޓަށް ފާހަގަ ކުރެވިފައިވެ އެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.
އެފަދަ ސަބަބުތަކާ ހެދި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ނިކަމެތި ގޮތް ދިމާވުމުގެ އިތުރުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ނިސްބަތް އިތުރުވަމުންދާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެ އެވެ.
އެ ނޫސްބަޔާނުގައި ބުނެފައި ވަނީ އެފަދަ ކަންކަމަކީ އިމިގްރޭޝަންގެ ގާނޫނުގައި މަނާ ކަމެއްގެ ގޮތުގައި ކަނޑައަޅާ ބަޔާންކޮށްފައިވާ ކަމެއް ކަމަށެވެ. އަދި އަދަބެއްގެ ގޮތުގައި އެފަދަ އަމަލެއް ހިންގި ފަރާތެއް ރާއްޖެ އެތެރެ ނުކުރުމާއި އަދި ވަކި މުއްދަތަކަށް ރާއްޖެ ނާދެވޭ ގޮތަށް ފޮނުވާލުމުގެ އިޚުތިޔާރު ލިބިފައިވާ ކަމަށެވެ.