09 Nov 2014, 22:58
ރާއްޖޭގެ ކުރިއެރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އިދިކޮޅު ފަރާތްތަކުން އަތް ނޭޅުމަށް ސަރުކާރު ހިންގާ ޕީޕީއެމުން ގޮވާލައިފި އެވެ.
ސަރުކާރަށް އަހަރު ފުރުން ފާހަގަކުރަން މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ބާއްވާ ހަފްލާއާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ނަސަންދުރަ ޕެލަސް ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، ރާއްޖެއަށް ލިބެން އޮތް ކުރިއެރުމަށް އިދިކޮޅު ފަރާތްތަކުން ހުރަސް އެޅުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ގެއްލުންވާނީ މުޅި ގައުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ތެޔޮ ނެގުމުގެ ކަންތައްތަކުގައި ވެސް. ބަޔަކާ ވާހަކަދައްކައިގެން އެކަން ކުރުމަށް މަސައްކަތްތަކެއް ފެށީމަ އެބޭފުޅުން ދަތިތަކެއް ކުރައްވަމުން ގެންދަވައިފި. އެމްޑީޕީގައި އިސްކޮށް އެ ހުންނެވީ ނަޝީދު،" ޝާއިނީ ވިދާޅުވި އެވެ.

ވޭތުވެދިޔަ ފަސް އަހަރު ރާއްޖޭގެ ކަންކަން ކުރިއަށް ނުގޮސް ސިޔާސީ "ކޮޅިގަނޑެއް"ގެ ތެރެއިން ސަލާމަތް ކުރުމަށް މި ސަރުކާރުން މަސައްކަތްކޮށްފައިވާ ކަމަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް ލިބެން އޮތް ކުރިއެރުމަށް ކުރީގެ ރައީސަކު ހުރަސް އެޅުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.
"ރާއްޖެއަށް ލިބެން އޮތް ކުރިއެރުމަކަށް ހުރަސްއެޅޭ ގޮތަށް ކަންތައް ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުރެވޭ ކަމެއް. ހާއްސަކޮށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައި ހުންނެވި ބޭފުޅަކު ވަޑައިގެން ރާއްޖޭގެ ރައްޔިތުންނާއި އިދިކޮޅަށް ނުވަތަ ދަތިވާ ގޮތަށް ވާހަކަދެއްކުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް،" ޝައިނީ ވިދާޅުވި އެވެ.