ދިރާގު ދިވެހި ލީގުގައި މިއަދު ކުޅުނު މެޗުގައި އީގަލްސް އިން ވިކްޓްރީ ސްޕޯޓްސް ކްލަބްގެ މައްޗަށް 3-4 ގެ ނަތީޖާއަކުން ކުރި ހޯދައި ލީގު ނިންމާލާފި އެވެ.

މިއަދު ހަވީރު އެ ދެ ޓީމް ބައްދަލު ކޮށްފައިވާ މެޗުގައި ފުރަތަމަ ލީޑު ނެގީ ވެސް އީގަލްސް އިންނެވެ. މެޗުގެ 16 ވަނަ މިނެޓުގައި އީގަލްސްއަށް ލިބުނު ޕެނަލްޓީއަކުން އެ ލަނޑު ކާމިޔާބު ކޮށްދިނީ އެ ޓީމްގެ އިސްމާއިލް އީސާ (މެސީ) އެވެ.

މެޗުގެ 23 ވަނަ މިނެޓުގައި އީގަލްސްގެ އަންސަރު އިބްރާހިމް ވަނީ އެ ޓީމަށް އަނެއްކާ ވެސް ލަނޑެއް ކާމިޔާބު ކޮށްދީ، އީގަލްސްގެ ލީޑު ފުޅާކޮށްދީފަ އެވެ. ފުރަތަމަ ހާފްގައި ލަނޑެއް ކާމިޔާބު ކުރެވިފައި ނުވާ ވިކްޓްރީން ވަނީ ހާފްގެ ފަހުކޮޅު ރަނގަޅު ހަމަލާތަކެއް އުފައްދާފަ އެވެ.

މެޗުގެ ދެ ވަނަ ހާފް އީގަލްސް އިން ފަށާފައި ވަނީ އިތުރު ލަނޑަކާ އެކީ އެވެ. މެޗުގެ 46 ވަނަ މިނެޓުގައި އީގަލްސް އަށް އެ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ މުހަންމަދު މުސްލިހު އެވެ.

މެޗުގެ 54 ވަނަ މިނެޓުގައި އީގަލްސް އިން ވަނީ އެ ޓީމްގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ މަހްރޫސް މުޖުތަބާ އެވެ. ވިކްޓްރީގެ ބޭރު ކުޅުންތެރިޔާ ކަކާ ވަނީ 57 ވަނަ މިނެޓުގައި ވިކްޓްރީއަށް އެ ޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.

އެ ލަނޑާއެކު ވިކްޓްރީން ވަނީ އެ ޓީމްގެ ކުޅުން ރަނގަޅުކޮށްފަ އެވެ. ނަތީޖައެއްގެ ގޮތުން މެޗުގެ 63 ވަނަ މިނެޓުގައި ވިކްޓްރީން ވަނީ އެ ޓީމްގެ ދެ ވަނަ ލަނޑު ކަމިޔާބު ކޮށްފަ އެވެ. އެ ލަނޑު ވިކްޓްރީއަށް ކާމިޔާބު ކޮށްދިނީ އީގްލްސްގެ ކީޕަރު ހުންނަންޖެހޭ ވަރަށް ވުރެ ބޭރުގައި ހުރެވުނު ދަނޑިވަޅު ބަލައި، ޕެނަލްޓީ އޭރިއާ ބޭރުން އެ ޓީމްގެ އަވީލޯ ފޮނުވާލި ބޯޅައަކުންނެވެ.

ވިކްޓްރީއަށް މެޗުގައި އެ ޓީމްގެ އެންމެ ފަހު ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ 83 ވަނަ މިނެޓުގައި އެ ޓީމްގެ ކަކާ އެވެ. މެޗުގެ ފަހު ވަގުތުކޮޅުގައި ވިކްޓްރީއިން އިތުރު ފުރުސަތެއް އުފައްދާފާއި ވާއިރު އެ ޓީމަށް ވަނީ މެޗުގެ ނަތީޖާއަށް އިތުރު ބަދަލުތަކެއް ގެނެވޭގޮތް ނުވެފަ އެވެ.

މިއަދުގެ މެޗަކީ މި މުބާރާތުގައި މި ދެ ޓީމުންވެސް ކުޅޭ އެންމެ ފަހު މެޗެވެ. މި އަހަރުގެ މުބާރާތުގެ ތާވަލްގެ ހަތަރު ވަނަގައި 23 ޕޮއިންޓާއެކު ވިކްޓްރީން ލީގު ނިންމާލާފައި ވާއިރު، އީގަލްސް ވަނީ 32 ޕޮއިންޓާއެކު ލީގުގެ ތިންވަނަ މަގާމް ހާސިލް ކޮށްފައެވެ.