09 Nov 2014, 19:28
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ ރަސްމީ ގެކޮޅަށް އަންނަ އަހަރު ކުރަން ޖެހޭ ހަރަދު 10 ޕަސެންޓަށް ދަށްވެ، ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ދިރިއުޅުއްވާ ހިލާލީގެ އަށް ކުރަން ޖެހޭ ހަރަދު 28 ޕަސެންޓް ބޮޑުވާނެ ކަމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދައްކައިފި އެވެ.
މި އަހަރު ރިވައިސް ކުރަމުންދާ ބަޖެޓުން ނައިބު ރައީސް ދިރިއުޅުއްވާ ހިލާލީގެއަށް 7.3 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވެ އެވެ. ނައިބު ރައީސްގެ ގެކޮޅަށް އަންނަ އަހަރު ކުރަން ޖެހޭ ހަރަދު 9.4 މިލިއަން ރުފިޔާ އަށް ބޮޑުވާނެ ކަމަށް އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ބުނެފައިވެ އެވެ.
އެއީ މިއަހަރު ހިލާލީގެއަށް ކުރި ހަރަދަށް ވުރެ 28 ޕަސެންޓް އިތުރުވުމެކެވެ. އެގޮތުން އަންނަ އަހަރު ދެ މިލިއަން ރުފިޔާ އިތުރަށް ހިލާލީގެއަށް ހަރަދުވާނެ އެވެ. އަންނަ އަހަރު ހިލާލީގެ އަށް ކުރަން ޖެހޭ ހަރަދު ބޮޑުވާ އިރު، އެ ގެކޮޅަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމުގައި ހުންނެވިއިރު، ބޭނުން ކުރެވި ގެކޮޅެވެ.
ނައިބް ރައީސްގެ ގެކޮޅުގެ ހަރަދު އަންނަ އަހަރު ބޮޑުވާއިރު، ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީންގެ ގެކޮޅަށް ކުރާ ހަރަދު 10 ޕަސެންޓް ދަށްވާނެ ކަމަށް ބަޖެޓުން ދައްކަ އެވެ. މި އަހަރު ރިވައިސް ކުރަމުންދާ ބަޖެޓުގައި ރައީސްގެ ގެކޮޅަށް 21 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވެ އެވެ. މިއަހަރު ރައީސްގެ ގެކޮޅަށް ބަޖެޓްކޮށްފައި ވަނީ 19 މިލިއަން ރުފިޔާ އެވެ.
ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރު ހަރަދުވާނެ ކަމަށް ލަފާކޮށްފައި ވަނީ 195 މިލިއަން ރުފިޔާ އެވެ. އެއީ މިއަހަރުގެ ބަޖެޓަށްވުރެ 37 މިލިއަން އިތުރު އަދެދެކެވެ. މަޖިލީހުގެ ބަޖެޓު ބޮޑުވުމުގެ ސަބަބެއް ކަމަށް ބެލެވެނީ މަޖިލީހުގެ އާ އިމާރާތުގެ މަސައްކަތަށާއި މަޖިލިސް މެމްބަރުންގެ އަދަދު އިތުރުވުމުން ކުރަންޖެހޭ ހަރަދުތައް އިތުރުވުމުންނެވެ.
ޝަރުއީ ދާއިރާއަށް ބަލާއިރު ޖުޑީޝަލް އެޑްމިނިސްޓުރޭޝަންގެ ބަޖެޓު މިއަހަރުގެ ބަޖެޓަށް ވުރެ 61 މިލިއަން އިތުރަށް ހިމަނާފައިވާއިރު އެ ޑިޕާޓްމެންޓަށް އަންނަ އަހަރު ދިނުމަށް ހިމަނާފައިވާ ޖުމުލަ ބަޖެޓަކީ 438,605,235 ރުފިޔާ އެވެ.