09 Nov 2014, 19:07
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރާ ކޮމެޓީއަށް ކޮންމެހެން ހާޒިރުކުރަން ޖެހޭ މިނިވަން މުވައްސަސާތައް ހާޒިރު ކުރުމަށް ނިންމައިފި އެވެ.
މިއަދު ބޭއްވި ބަޖެޓް ކޮމެޓީގައި މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވުންތައް އުފެދުނީ މިނިވަން މުއައްސަސާތައް ކޮމެޓިއަށް ހާޒިރު ކުރުމާ ގުޅޭ ގޮތުންނެވެ. އެ ހިޔާލުތަފާތުވުންތަކުގެ ތެރޭގައި ކޮމެޓީން ނިންމީ މިމަހުގެ 27ގެ ކުރިން ބަޖެޓުގެ މަސައްކަތް ދިރާސާކޮށް ނިންމައި، ބަޖެޓް ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށެވެ.
މިނިވަން މުއައްސަސާތައް ކޮމެޓިއަށް ހާޒިރު ކުރާ ގުޅޭ ގޮތުން މިއަދު ބޭއްވި ކޮމެޓީގައި ދެ ހުށަހެޅުމެއް ހުށަހެޅި އެވެ. ފުގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވީ ކޮންމެހެން ގެންނަން ޖެހޭ މިނިވަން މުއައްސަސާތައް ކޮމެޓީއަށް ހާޒިރު ކުރުމަށެވެ. ގަމު ދާއިރާ މެމްބަރު ފައްޔާޒު އިސްމާއިލް ހުށަހެޅުއްވީ މިނިވަން މުއައްސަސާތައް ކޮމެޓީއަށް ހާޒިރު ކުރުމުގެ ބަދަލުގައި، އެ މުއައްސަސާތަކުގެ ހިޔާލު ލިޔުމުން ހޯދުމަށެވެ.
އެ ދެ ހުށަހެޅުމުގެ ތެރެއިން ކޮމެޓީގެ މެމްބަރުންގެ އަގުލަބިއްޔަތުން ފާސް ކުރީ ކޮންމެހެން ހާޒިރު ކުރަންޖެހޭ މުއައްސަސާތައް ކޮމެޓީއަށް ހާޒިރު ކުރުމަށެވެ.
ކޮމެޓީގެ މުގައްރިރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ކޮމެޓީ ބައްދަލުވުންތަކުގައި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ބައިވެރިވެވަޑައިގަންނަވާނެ ކަަމަށެވެ.
މިއަދު ބޭއްވި ބަޖެޓް ކޮމެޓީގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް ވަނީ ދައުލަތުން ހުށަހަޅާފައިވާ 42.3 ބިލިއަން ރުފިޔާގެ ބަޖެޓަށް ފާޑުވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓު "ވަރަށް ބޮޑަށް" ބަލާ ތަހުގީގު ކުރަން ޖެހޭ ކަމަށާއި ބަޖެޓުގައި ތަފާތު ކުރުންތަކެއް އެބަ ހުރި ކަމަށެވެ.