ބ. ދަރަވަންދޫން ފުރައިގެން މާލެ ދަތުރުކުރަމުންދިޔަ "އަމާޒު" ބޯޓުން ކަނޑަށް ވެއްޓި ގެއްލުނު ޒުވާނާ ކަނޑަށް ވެއްޓުނު ކަމަށް ބެލެވެނީ ފާހާނަ ކުރުމަށް ފަހު ފެން ނަގަން އުޅުމުގެ ތެރޭގައި ބާލިދީ ވާގަނޑު އަތުގައި އޮޅިގެން ކަމަށް އެ ރަށު އޮފީހުން ބުނެފި އެވެ.

ކެންދޫ ކަތީބު މުހައްމަދު ސައީދު މިއަދު ވިދާޅުވީ، "އާމާޒު" ބޯޓުން މިދިޔަ އާދިއްތަ ދުވަހު އަހުމަދު ނިމާލު،21 ކަނޑަށް ވެއްޓުމުގެ ދެ ދުވަސް ކުރިން އެހެން މީހަކު ވެސް އެ ބޯޓުން ފަހާނަ ކުރުމަށް ފަހު ބާލިދީން ފެންނަގަން އުޅުމުގެ ތެރޭގައި ކަނޑަށް ވެއްޓިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެމީހާ ކަނޑަށް ވެއްޓުނު ތަން ފެނިގެން އެ ބޯޓުގައި އެވަގުތު ތިބި މީހުން އޭނާ ސަލާމަތް ކުރީ ކަމަށެވެ.

"އެ ދޯނީގައި ފެންނަގަން އޮންނަ ބާލިދީ ކަނޑަށް އެއްލާ އިރު ވާގަނޑު އަތާލާ އޮޅާލާފައި އެއްލާފިއްޔާ އެ މީހަކު ކަނޑަށް ވެއްޓޭނެ. ނިމާލު ގެއްލުމުގެ ދެ ދުވަސް ކުރިންވެސް މީހަކު ހަމައެގޮތަށް ކަނޑަށް ވެއްޓުނު. އޭނަ ނަސީބު ރަނގަޅު ކަމުން ދޯނީގައި ތިބި މީހުންނަށް އޭނާ ވެއްޓުނުތަން ފެނިގެން ސަލާމަތް ކުރީ. ނިމާލުވެސް ފާހާނައަށް ދިޔަ ތަން އެވަގުތު ދޯނީގައި ތިބި މީހުންނަށް ފެނުނު. އެހެނަސް ކަނޑަށް ވެއްޓުނު ތަނެއް ނުފެނޭ،" ކަތީބު ވިދާޅުވި އެވެ.

ނިމާލް ގެއްލުނީ އާދީއްތަ ދުވަހު މެންދުރު 1:20 އެހާކަންހާ އިރު ކ. ހިންމިޔާފަޅުގެ ހުޅަނގުން ހަތަރު ނޯޓިކަލް މޭލު ބޭރުން ކަމަށް އެމްއެންޑީއެފުން ލަފާކުރެ އެވެ.

ސައީދު ވިދާޅުވީ ނިމާލަކީ ލީލީ ބީޗު ރިސޯޓުގައި މަސައްކަތްކުރާ މީހެއް ކަމަށާއި އޭނާއަކީ މޮޅު ފެންތުންތެރިއެއް ކަމަށެވެ.
"އޭނާ މޫދަށް ވަރަށް ގަދަވާނެ. ލިލީ ބީޗުގައި ވޯޓާ ސްޕޯޓްސްގައި މަސައްކަތް ކުރާ ކުއްޖެއް އެއީ،"
ކަތީބު ވިދާޅުވީ، ނިމާލު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ އިތުރުން އޭނާގެ އާއިލާއިން ވެސް ކުރަމުން އަންނަ ކަމަށެވެ.

ނިމާލް ގެއްލުނު ފަހުން އޭނާގެ މަންމަގެ ހާލު ވަރަށް ވެސް ދެރަ ކަމަށް ސައީދު ވިދާޅުވި އެވެ.
"އޭނާގެ މަންމަގެ ހާލު ވަރަށް ދެރަ. މިހާރު ވެސް އައިވީން ހިފާއްޓާކަމަށް އަޅުގަނޑަށް އެނގިފައި އޮތީ. ސިއްހީ މަރުކަޒުގައި އެޑްމިޓްކޮށްފައި ދޫކޮށްލިތާ އަދި ދެ ދުވަހެއް މިވީ." ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ އެމްއެންޑީއެފުން ނިމާލު ހޯދުމަށް ކުރާ މަސައްކަތުގެ އިތުރުން އޭނާގެ އާއިލާއިން ގެންދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

"އަރި އަތޮޅު އުތުރުބުރީ ރަށްރަށާ ގުޅިގެން އޭނާގެ އާއިލާއިން ގެންދަނީ ހޯދަމުން. އޮއިވަރު ހުރިގޮތުން ދެކުނުގެ އަތޮޅުތައް ބެލުމުގެ ބޭނުމެއްނެތް. އެހެން ކަމުން އުތުރުން ބަލަމުން ގެންދަނީ،" ކަތީބު ވިދާޅުވި އެވެ. "ބ. އަތޮޅަކު ވެސް މިހާރު ނޯންނާނެ އަރައިގެން ރަށް ވަށައިގެން ނުހިނގާ އެންމެ ރަށެއް ވެސް. އާއިލާ އާއި ރަށު ރައްޔިތުން ގުޅިގެން ހުރިހާ ފަޅުރަށެއް ވެސް ބާލައިފި."

އެމްއެންޑީއެފުން ބުނީ، ނިމާލް ހޯދުމަށް ކަނޑުމަގުން 500 ސްކެއާ ނޯޓިކަލް މޭލުގެ ސަރަހައްދަކާއި ވައިގެ މަގުން 400 ސްކެއާ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އަދި އޭނާ ގެއްލުނުކަމަށް ބެލެވޭ ހިސާބުގެ 396 ސްކެއަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް މިދިޔަ ހޯމަ ދުވަހު ބަލައިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީ އެފުން ބުނީ، ނިމާލުގެ އިސްކޮޅުގައި ގާތްގަނޑަކަށް 5 ފޫޓް ހުންނާނެ ކަމަށެވެ. އަދި އޭނާ، ގެއްލުނުއިރު އެންމެފަހުން ލައިގެންހުރީ ޗޮކްލެޓް ކުލައިގެ ޓީޝާޓަކާއި ކުކުޅުބިސް ކުލައިގެ ޖިންސެއް ކަމަށެވެ.