ޖީޕީއެސް ޓެކްނޮލޮޖީގެ އެހީގައި އުޅަނދުފަހަރު އުޅޭ ސަރަހައްދު ސްމާޓްފޯނުތަކަށާއި އިންޓަނެޓް މެދުވެރިކޮށް ކޮމްޕިއުޓަރަށް ވަގުތުން ބަލާލެވޭ ޑިވައިސްއެއް އުރީދޫ މޯލްޑިވްސް އިން ތައާރަފްކޮށްފި އެވެ.

އުރީދޫ އިން ހާއްސަ ޕެކޭޖްތަކަކާ އެކު މިއަދު ތައާރަފުކޮށްފައިވާ "އުރީދޫ ލޮކޭޓް" ޑިވައިސްގެ އެހީގައި އެއްގަމު އުޅަނދުގެ އިތުރުން ކަނޑުގައި ދުއްވާ އޮޑިދޯނިފަހަރާއި ކާގޯ ބޯޓު އަދި ސްނޯކްލިން ކުރާ ފަރާތްތަކުގެ އިތުރުން ޕާސަނަލް ޓްރެކިންގެ އެހީގައި ވަކިވަކި ފަރުދުން އުޅޭ ހިސާބެއް ބަލާލެވޭނެ އެވެ.

އެގޮތުން އުރީދޫ އިން މިއަދު ތައާރަފުކޮށްފައިވާ "އުރީދޫ ލޮކޭޓް"ގެ ތެރޭގައި ހިމެނޭ ހަތަރު ޕެކޭޖަކީ ޕާސަނަލް ޓްރެކިން އާއި ލައިޓް ވެހިކަލް ޓްރެކިންގެ އިތުރުން ވެސަލް ޓްރެކިން ޕެކޭޖާއި ސެޓަލައިޓް ޓްރެކިންއަށް ހާއްސަ ޕެކޭޖެކެވެ. އެ ޓްރެކިން ޑިވައިސްތަކުގެ އަގު އުޅެނީ 2000 ރުފިޔާ އާއި 4000 ރުފިޔާ އާއި ދެމެދުގެ އަގެއްގަ އެވެ.

ޕާސަނަލް ޓްރެކިން ޕެކޭޖްގެ ދަށުން ފަސޭހައިން ޖީބަށްލައިގެން ވެސް ގެންގުޅެވޭ ކުޑަ ޑިވައިސްއެއްގެ އެހީގައި ވަކި މީހުން ޓްރެކް ކުރެވޭނެ އެވެ. އެގޮތުން މޫދުގެ ކުޅިވަރުތަކަށް ހާއްސަ ސެންޓަރުތަކުގައި ސްނޯކްލިންކުރާ ފަރާތްތަކާއި ދިގު ދަތުރުތައް ކުރާ މީހުން ދެނެގަނެވޭނެ އެވެ. އެ ޕެކޭޖު ލިބޭނީ 120 ރުފިޔާގެ މަހުފީއަށް 500 އެމްބީގެ ޑޭޓާ އެލަވަންސާ އެކުގަ އެވެ.

އުރީދޫ ލޮކޭޓް ޑިވައިސް: އެއްގަމާއި ކަނޑު އުޅަދާއި ވަކިވަކި ފަރުދުން އުޅޭ ހިސާބެއް ބަލާލެވޭނެ-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ލައިޓް ވެހިކަލް ޓްރެކިންގެ އެހީގައި ފަސޭހަކަމާއެކު ސައިކަލް، ޓެކްސީ އަދި ކުދި އުޅަނދުތައް ޓްރެކް ކުރެވޭނެ އެވެ. އެ ޕެކޭޖް ލިބޭނީ 150 ރުފިޔާގެ މަހުފީއަކަށް 850 އެމްބީގެ ޑޭޓާ އެލަވަންސަކާ އެކުގަ އެވެ.

ވެސަލް ޓްރެކިން ޕެކޭޖަކީ ޓެކްސީ އަދި ފެރީ ބޯޓުތައް އޮޕަރޭޓްކުރާ ފަރާތްތަކަށް ހާއްސަ ޕެކޭޖެކެވެ. އެގޮތުން އެ ޕެކޭޖް މެދުވެރިކޮށް ސެންޓަރާއި އެންމެ ގާތުގައި އުޅޭ ޓެކްސީ އެއް ނުވަތަ ބޭނުންވާ ތަނަކާ އެންމެ ކައިރީގައިވާ ފެރީއެއް ދެނެގަނެ ކަސްޓަމަރުންނަށް އަވަހަށް ޚިދުމަތް ފޯރުކޮށްދެވޭނެ އެވެ. އެ ޕެކޭޖް ލިބޭނީ 399 ރުފިޔާ އަށް އެއް ޖީބީގެ ޑޭޓާ އާއި އެކުގަ އެވެ.

ސެޓަލައިޓް ޓްރެކިންއަކީ ރާއްޖޭގެ ކަވަރޭޖް ލިބޭ ސަރަހައްދަށްވުރެ ދުރަށް ދަތުރުކުރާ ބޮޑަތި އުޅަނދުތަކަށް ހާއްސަ ޕެކޭޖެކެވެ. އޭގެ ތެރޭގައި ކާގޯ ބޯޓާއި މަސް ދޯނި ފަހަރު އަދި ޝިޕިން ކޮންޓޭނަރުތައް ވަކިން ޓްރެކް ކުރެވޭނެ އެވެ. ސެޓަލައިޓް މެދުވެރިކޮށް ޓްރެކް ކުރެވޭ އެ ޕެކޭޖް ލިބޭނީ 1099 ރުފިޔާ އަށް އެއް ޖީބީގެ ޑޭޓާ އެލަވަންސާ އެކުގަ އެވެ.

ފަސޭހަކަމާއެކު ހާއްސަ ޕޯޓަލެއް މެދުވެރިކޮށް ޓްރެކްކޮށް ތަފާތު ރިޕޯޓުތައް ނަގައި އަދި އެސްއެމްއެސް އެލާޓް ލިބޭ ގޮތަށް ސެޓްކުރެވޭ އެ ޑިވައިސް މިހާރު އަތޮޅު ތެރޭގެ އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތަކުން ވެސް ލިބެން ހުންނާނެ ކަމަށް އުރީދޫ އިން ބުނެ އެވެ.