މާފަންނު ޒުވާނުންގެ މަރުކަޒު ނުވަތަ ސޯޝަލް ސެންޓަރުގެ ސަލާމަތީ ކަންކަން ސްޕެޝަލް ކޮންސްޓެބަލަރީ ފުލުހުން ބަލަހައްޓަން ފަށައިފި އެވެ.

ފުލުހުން ބުނީ ސޯޝަލް ސެންޓަރަކީ ގިނަ ޢަދަދެއްގެ ޒުވާނުނާއި އެކިއެކި ގުރޫޕްތަކުން ބޭނުން ކުރާ ތަނެއް ކަަމަށާއި ނަމަވެސް އެކިއެކި ގުރޫޕްތަކުން ރަނގަޅު ނޫންގަޮތުގައި އެތަން ބޭނުންކޮށް، ފަހަރު ނޭދެވޭ އެކި ކަހަލަ ކަންކަން އެތަނުގައި ހިންގާފައިވާ ކަމަށެވެ.

ސޯޝަލް ސެންޓަރަކީ އެކިއެކި ކުޅިވަރު މުބާރާތްތައް ވެސް ކުޅުމުގެ އިންތިޒާމު ހަމަޖެހި، އެކި ފެންވަރުގެ މުބާރާތްތައް ބާއްވާ ތަނަކަށްވުމާއެކު މުބާރާތްތައް ބަލާލުމަށް ގިނަ ޢަދަދެއްގެ ބަޔަކު ހާޒިރުވާ ތަނެކެވެ. އެހެންކަމުން އެތަނަށް ހާޒިރުވާ މީހުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށް، އެތަނަކީ ޒުވާނުންނާއި ފުރާވަރުގެ ކުދިން ވެސް ހެޔޮ ގޮތުގައި ބޭނުން ހިފައި، ނޭދެވޭ ކަންކަން ކުރުމުން ދުރުކުރެވިފައިވާ ތަނަކަށް ހަދަން ޖެހޭ ކަމަށް ފުލުހުން ބުންޏެވެ.

ޔޫތު މިނިސްޓްރީގެ އެދުމުގެ މަތިން އެތަނުގެ ސެކިއުރިޓީ ފުލުހުން ބަލަހައްޓަން ފެށުމުން އެކަށީގެންވާ ހެޔޮ ބަދަލެއް އެތަނަށް އަންނާނެ ކަމަށް ފުލުހުން ބުންޏެވެ.

ޒުވާނުންގެ މަރުޒަކުގެ އިތުރުން ސްޕެޝަލް ކޮންސްޓެބެލަރީ ފުލުހުން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލާއި އެހެންވެސް ބައެއް ތަންތަނުގައި ދަނީ ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ.