ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމާއެކު ޖެހިގެންއައި ދުވަހު އައްޑޫ ސިޓީގައި ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ އައްޑޫ ސިޓީގެ ކުރީގެ ކައުންސިލަރު އަހްމަދު މިރުޒާދާ ދެކޮޅަށް ދައުލަތުން ހުށަހެޅި 10 މީހެއްގެ ހެކިބަސް ނަގައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ހެނދުނު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސްދީފައި ވަނީ 10 މީހެކެވެ. އެމީހުންގެ ތެރެއިން ގިނަ މީހުން ބުނީ 8 ފެބްރުއަރީ 2012 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ސ. ގަމަށް ދާން އޮންނަ ކޯޒުވޭމަތީގައި މިރުޒާރު ހުރިއިރު އޭނާގެ އަތުގައި ލަކުޑިބުރިއެއް އޮތް ކަމަށެވެ. އެހެންނަމަވެސް އެއްވެސް ތަނަކަށް އޭނާ ގެއްލުންދެނިކޮށް ފެނިފައިނުވާ ކަމަށް ހެކީން ވަނީ ބުނެފަ އެވެ.

ދައުލަތުގެ ވަކީލާއި ދިފާއީ ވަކީލު ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި އެ އެންމެން ވެސް ބުނެފައި ވަނީ ފުލުހުންނަށް ހަމަލާދިނުމަށާއި ގަން ޕޮލިސްޓޭޝަނަށް ގެއްލުންދިނުމަށް ހިތްވަރުދީ މިރުޒާދު ގޮވާހެދި މަންޒަރެއް އެމީހުންނަށް ފެނިފައި ނުވާކަމަށެވެ. އެހެންނަމަވެސް ވަކި މުހުލަތެއް ދިނުމަށްފަހު ފުލުހުންނާއި ސިފައިން މުޒާހަރާ ކުރާ މީހުންނާއި ބައިވެރިވުމަށް އެންގި ކަމަށާއި އެގޮތަށް އަމަލުނުކޮށްފިނަމަ ފުލުހުންގެ ސަފުތައް ފޫއަޅޫވާލުމަށްފަހު ވަދެގަންނާނެ ކަމަށް އޭނާ ބުނިކަމަށް ބައެއް މީހުން ވަނީ ބުނެފަ އެވެ.

އެދުވަހު އިރުއޮއްސެން ކައިރިވެފައި ވަނިކޮށް ވެސް މިރުޒާދު އެތަނުގައި ހުރި ކަމަށް ބައެއް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް އޭނާގެ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވީ، އިރުއޮއްސުނުވަގުތު މިރުޒާދު އޮތީ ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ކަމަށާއި އެކަން ސާބިތުކުރުމަށް ހެކި ހުށަހަޅާފައިވާނެ ކަމަށެވެ.

މިރުޒާދުގެ އިތުރުން އެތައްބައެއްގެ މައްޗަށް ވަނީ އެ މައްސަލައިގައި ދައުވާ އުފުލާފައެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ވެސް ހިމެނިވަޑައިގަންނަވައެވެ.

އެ މައްސަލައިގެ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ވެސް އޮންނާނީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސްނެގުމެވެ.