ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ބޮޑު ޖަލްސާ އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އެ ޖަލްސާ ކުރިން ބާއްވާ ގޮތަށް ހަމަޖެހިފައި އޮތީ މިދިޔަ ހުކުރު ދުވަހުގެ ރެ އެވެ. ނަމަވެސް އެ ޖަލްސާ ފަސްކުރީ ޕީޕީއެމުން "ކާމިޔާބު3"ގެ ނަމުގައި ބާއްވާ ޖަލްސާ "ވަރަށް ފުރިހަމަ ޖަލްސާއެއްގެ ގޮތުގައި" ހެދުމަށް ކަމަށް އެޕާޓީން ކުރިން ވަނީ ބުނެފަ އެވެ.

ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލު މިއަދު "ސަން" އަށް ވިދާޅުވީ އަލިމަސް ކާނިވަލްގެ ސްޓޭޖްގައި ބާއްވާ ޖަލްސާގައި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހާއްސަ މެެސެޖްތަކެެއް ދެއްވާނެ ކަމަށެވެ.

މީގެ އިތުރުން އެ ރޭގެ ޖަލްސާގައި ތަފާތު ކަންތައްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ އިރު އެ ޖަލްސާއާ ބެހޭ ތަފްސީލްތައް މި ހަފްތާގެ ތެރޭގައި މީޑިއާތަކަށް ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ކާމިޔާބު3ގެ ނަމުގައި ޕީޕީއެމުން ބާއްވާ ޖަލްސާ އަށް އެ ޕާޓީގެ ވީހާ ވެސް ގިނަ މެންބަރުން ބައިވެރިވުމަށް އެ ޕާޓީން ކޮށްފައިވާ އިޢުލާނެއްގައި ވަނީ އެދިފަ އެވެ.