ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އަބްދުލްގައްޔޫމު މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަފުޅު ދިވެހި ރައްޔިތުންނަށާއި ބޭރުގެ ފަރާތްތަކަށް އޮޅުވާލުމަށް އެމްޑީޕީ އިން މަސައްކަތް ކުރާ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

އެ ޕާޓީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެ ޕާޓީގެ ކައުންސިލް މެމްބަރު އަދި ފޮރިން މިނިސްޓަރާ މަތިކުރި ސުވާލުތަކަށް ދެއްވި ޖަވާބު "އެކަމަނާ ދައްކަވާފައިވާ ވާހަކަފުޅުތަކުގެ ބައެއް ލަފްޒުތަކުގެ މާނަ އޮޅުވާލައި ކަމުގެ ހަގީގަތް އޮޅުވާލުމަށް ބައެއް މީޑިއާތަކުން މަސައްކަތް ކުރަމުން ގެންދާ" ކަމަށެވެ. އަދި ބުނީ އެކަމަނާ އެ ދުވަހު ދެއްކެވި "ވާހަކަފުޅުތަކުގެ ހަގީގަތް ދިވެހި ރައްޔިތުންނަށާއި ބޭރުގެ ފަރާތްތަކަށް އޮޅުވާލުމުގެ ބޭނުމުގައި ތަފާތު މާނަތަށް ނަގައިގެން، ބޭރު ގައުމުތަކުގެ ނުފޫޒު ރާއްޖޭގެ ދާހިލީ ކަންކަމަށް ގެނައުމަށް، އެމްޑީޕީ އާއި އެ ޕާޓީ އަށް ތާއީދުކުރާ ބައެއް މީޑިއާތަކުން ކުރަމުން ގެންދާ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ" ކަމަށެވެ.

ޕީޕީއެމް އިން ބުނީ އެއީ ރައީސް ޔާމީންގެ ސަރުކާރުގެ ކާމިޔާބު 365 ދުވަސް ފާހަގަ ކުރުމަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި ޕީޕީއެމް އާއި ސަރުކާރުގެ ކާމިޔާބީގެ ތަސައްވުރު ކިލަނބުކުރުމުގެ ގޮތުން އެމްޑީޕީ އިން ހިންގަމުން ގެންދާ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށެވެ.

ދުންޔާ ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވާފައި ވަނީ ރާއްޖޭގެ ހާރިޖީ މައްސަލަތަކުގައި ދިވެހިރާއްޖެ އަށާއި ރައްއޔިތުންނަށް އެންމެ ފައިދާ ހުރި ގޮތުގައި ދިވެހިންގެ އިސްތިގްލާލާއި މިނިވަންކަން ދެމެހެއްޓުމަށް މިސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ މައްޗަށް ކަމަށް ވެސް ޕީޕީއެމް އިން ބުންޏެވެ.