ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމާއެކު ޖެހިގެންއައި ދުވަހު ގދ. ތިނަދޫގައި ހުރި ދައުލަތުގެ ތިން އިމާރާތުގައި ހުޅުޖަހައި އަންދާލި މައްސަލައިގައި ތުހުމަތު ކުރެވޭ 13 މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން އަމުރުނެރެފި އެވެ.

އެ އަމުރު ނެރެފައިވާ މީހުންނަކީ ތިނަދޫ ކައުންސިލް މެމްބަރު އަބްދުﷲ ސަނީފް އާއި ގދ. ގައްދޫ، ދޮންބަގީޗާގޭ އަހްމަދު ޖަމްޝީދު އާއި ގދ. ތިނަދޫ، އަލްބޭނިއާ އަހްމަދު ޝާކިރު އާއި އެރަށު، ރިހިވެލި އަހްމަދު ރިޝާމް ޝަރީފް އާއި އެރަށު، ރޯމިޔޯ މުސްތަފާ މުހައްމަދު އާއި އެރަށު، މުޖުމަރާގޭ މުހައްމަދު ރިޔާޒު އާއި އެރަށު، އަސަރީގޭ މުހައްމަދު ޖާވީދު އާއި އެރަށު، އުޖާލާއާގޭ މުހައްމަދު ޖިނާހު އަލީ އާއި އެރަށު، އޮޅުތެރޭގޭ ތަމްދީހު މުހައްމަދު އާއި އެރަށު، އަކިރި ޝަމްއޫން އަހްމަދާއި އެރަށު، އުޖާލާގޭ އަބްދުލްމުޣުނީ އާއި އެރަށު، ސްކޫނާ މުހައްމަދު ވާސިފްގެއިތުރުން އެރަށު، ވެސްޓްޕޯލްއިރު އަހްމަދު ސަލީމް އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އިސްގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ، އެ ނިންމުމަކީ "ނިހާއީ ނިންމުމެއް" ކަމަށާއި އެ ނިންމުން ބަދަލުނުކުރެވޭނެ ކަމަށެވެ. އެގޮތަށް ނިންމިކަން ގާޒީ އެންގެވުމާއެކު ބައެއް މީހުން ބުނީ ކޯޓަށް ހާޒިރުވުމަށް އެމީހުންނަށް ޗިޓު ލިބިފައިނުވާ ކަމަށެވެ. އެކަމާ ގުޅިގެން އަބްދުﷲ ގާޒީ ވަނީ އެކަންކަން ލިޔުމުން ކޯޓަށް ހުށަހެޅުމަށް އަންގާފައެވެ. އަދި ލިޔުމުން ހުށަހެޅުމުން ހުށަހަޅާކަންކަމަށް ބެލުމަށްފަހު ލުއިދެވޭނެ މީހުންނަށް ލުއިދެއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެ އެންމެން މިއަދު ކޯޓަށް ހާޒިރުކޮށްފައި ވަނީ ފުލުހުންގެ ބަންދުގައި ބައިތިއްބައިގެންނެވެ. އެއީ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެފައިނުވާތީ އެވެ. އަދި އެމީހުންގެ ތެރެއިން އަހްމަދު ސަލީމް އާއި މުހައްމަދު ވާސިފް ހައްޔަރުކޮށްފައި ވަނީ އެ ދެ މީހުން ހޯދަން ފުލުހުން އާންމުކޮށް އިއުލާން ކުރުމުން ލިބުނު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށެވެ. އެ ދެ މީހުންގެ މައްޗަށް މިއަދު ދައުވާ އިއްވުމާއެކު ދެ މީހުން ވެސް ވަނީ ދައުވާ އަށް އިންކާރުކުރުމަށްފަހު ދިފާއުގައި ހެކި ހުށަހަޅަން ބޭނުންވާ ކަމަށް ބުނެފަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމާލާފައި ވަނީ އަންނަ އާދީއްތަ ދުވަހުގެ 2:30ގެ ކުރިން ހެކި ހުށަހެޅުމަށް އެމީހުންނަށް ފުރުސަތު ދިނުމަށްފަހު އެވެ.

ގދ. އަތޮޅު ކައުންސިލްގެ އިދާރާ އާއި ތިނަދޫ ކޯޓާއި ތިނަދޫ ޕޮލިސްޓޭޝަންގެ އިތުރުން އެތަނުގައި ބޭނުންކުރާ އެންމެހައި ވެހިކަލްތަކުގައި ހުޅުޖަހައި އަންދާލި ކަމުގެ ތުހުމަތުގައި 89 މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.

އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އޮންނާނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. އެދުވަހު އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުމެވެ.