09 Nov 2014, 16:20
ރޭ ސްޕެނިޝް ލީގުގައި އަލްމީރިއާއާ ދެކޮޅަށް އުނދަގޫ ކުރިމަތިލުމަކަށް ފަހު 2-1 ލަނޑުން ބާސެލޯނާ މޮޅުވި އިރު، ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗް 5-1ގެ ތަފާތު ބޮޑު ނަތީޖާއަކުން ރެއާލް ފަސޭހަ ކަމާއެކު ކާމިޔާބު ކޮށްފި އެވެ.
އަލްމީރިއާއާ ދެކޮޅަށް ރޭ ބާސާ ކުޅުނު މެޗުގައި ބާސާއަށް ސްކޯ ކުރެވިފައި ވަނީ މެޗުގެފަހު 20 މިނިޓް ތެރޭގައެވެ.
މި މެޗުގައި އަލްމީރިއާއިން ފުރަތަމަ ލީޑް ނަގާފައި ވާއިރު، އެ ޓީމަށް މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ މެޗުގެ 37 ވަނަ މިނިޓުގައި އެ ޓީމްގެ ތިއެވީ ބިފޮމް އެވެ. އަލްމީރިއާއިން ރަނގަޅު ކުޅުމެއް ދައްކާފައިވާ ފުރަތަމަ ހާފް ނިމިގެން ދިޔައީ ބާސާގެ ސަޕޯޓަރުން ހައިރާން ކުރުވުމަށްފަހު، އަލްމީރިއާއިން މެޗުގެ ކުރި ހޯދައިގެންނެވެ.
މި މެޗުގެ ދެވަނަ ހާފަށް ބާސާއިން ނުކުމެފައި ވަނީ ދެ ބަދަލަކާ އެކީއެވެ. ދެވަނަ ހާފްގައި ނޭމާ އާއި ސުއަރޭޒް ކުޅެން ނިކުމެފައި ވާއިރު، މި ހާފްގައި ބާސާއިން ވަނީ އަލްމީރިއާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލައިފައެވެ. އެގޮތުން ބާސާއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައި ވަނީ 73 ވަނަ މިނިޓުގައި ނޭމާ އެވެ. އަދި 82 ވަނަ މިނިޓުގައި ބާސާއަށް ކުރި ހޯދަދީފައި ވަނީ ސުއަރޭޒްގެ އެހީތެރިކަމާ އެކު ޖޯޑީ އަލްބާ އެވެ.
މި ނަތީޖާއާއި އެކު ސްޕެނިޝް ތާވަލްގައި ބާސާއަށް ވަގުތުކޮޅަކަށް އެއްވަނަ މަގާމް ލިބިފައި ވާއިރު، މި މެޗަށްފަހު ރެއާލް މެޑްރިޑް އާއި ރަޔޯ ވަޔެކާނޯ ބައްދަލު ކުރި މެޗް ތަފާތު ބޮޑު ނަތީޖާއަކުން ރެއާލް ކާމިޔާބު ކުރުމުން އެ ޓީމަށް ވަނީ ތާވަލްގައި އަނެއްކާވެސް ކުރި ލިބިފަ އެވެ.
ރެއާލް އާއި ވަޔެކާނޯ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފްގެ ނުވަވަނަ މިނެޓުތެރޭ ޓޯނީ ކްރޫސް ދިން ބޯޅައަކުން ގެރެތު ބޭލް ރެއާލް މެޑްރިޑަށް ވަނީ ލީޑު ނަގައިދީފައެވެ. މި ލަނޑާއެކު ރެއާލްއިން ކުޅުން ވަރުގަދަ ކޮށްފައި ވާއިރު، މެޗުގައި އެ ޓީމްގެ ދެވަނަ ލަނޑު ކަމިޔާބު ކޮށްފައި ވަނީ 40 ވަނަ މިނިޓުގައި އެ ޓީމްގެ ސާޖިއޯ ރާމޮސްއެވެ.
ރެއާލްއިން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބު ކުރިތާ ހަތަރު މިނިޓްތެރޭގައި ވަޔެކާނޯއިން ވަނީ މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްފައެވެ. ވަޔެކާނޯ ގެ ބުއެއްނޯ ކާމިޔާބު ކޮށްދިން މި ލަނޑާއެކު، ފުރަތަމަ ހާފް ނިމިގެން ގޮސްފައި ވަނީ 2-1 ގެ ނަތީޖާ އަކުންނެވެ.
މެޗުގެ ދެވަނަ ހާފް ވަޔެކާނޯ އިންރަނގަޅަށް ފެށި ނަމަވެސް، ރެއާލްއިން ވަނީ 55 ވަނަ މިނިޓުގައި ކާމިޔާބު ކުރި އެޓީމްގެ ތިންވަނަ ލަނޑާއެކު ވަޔެކާނޯގެ ފުރުސަތުތައް ހަނިކޮށްލާފައެވެ. މި ލަނޑު އެ ޓީމަށް ޓޯނީ ކްރޫސް ކާމިޔާބު ކޮށްދިންތާ ހަތަރު މިނެޓުތެރޭ، މެޗުގެ 59 ވަނަ މިނެޓުގައި ރެއާލްގެ ކަރިމް ބެންޒެމާ ވަނީ ލަނޑެއް ޖަހައި، އެޓީމްގެ ލީޑު ތިން ލަނޑަށް ފުޅާކޮށްފައެވެ.
މެޗުގައި ރެއާލަށް އެ ޓީމްގެ އެންމެ ފަހު ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ 83 ވަނަ މިނިޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މި ލަނޑާއެކު ރެއާލްއަށް ވަނީ ހަމަޖެހިލައިން މެޗު ނިންމާލަން ފުރުސަތު ލިބިފައެވެ.
މި ދެމެޗުގެ ނަތީޖާ އާއި އެކު ސްޕެނިޝް ލީގް ތާވަލްގެ އެންމެ ކުރީގައި އޮތް ރެއާލްއަށް ވަނީ އެ ޓީމާ އެންމެ ގާތުން ވާދަކުރާ ބާސާގެ މައްޗަށް ދެ ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެގޮތުން ރެއާލަށް މިހާތަނަށް މުޅިއެކު 27 ޕޮއިންޓް ލިބިފައި ވާއިރު، ބާސާއަށް ލިވިފައި ވަނީ 25 ޕޮއިންޓެވެ.
ތާވަލްގައި މި ދެ ޓީމާ ގާތުން ވާދަ ކުރާ ވެލެންސިޔާ އާއި އެތުލެޓިކޯ މެޑްރިޑް ދެ ޓީމުންވެސް އޮތީ 23 ޕޮއިންޓާ އެކު ތާވަލްގެ ތިންވަނަ އާއި ހަތަރު ވަނަ މަގާމްގައެވެ.