09 Nov 2014, 16:21
ނުރައްކާތެރި އެބޯލާ ވައިރަސްއިން ރައްކާތެރިކޮށްދޭނެ ވެކްސިންއެއް އުފައްދާ އިންސާނުންގެ ގައިގައި ޓެސްޓް ކުރަންފަށައިފި އެވެ.
އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ މެޓްރޯ އިން ބުނީ އެބޯލާ ބައްޔަށް ވެކްސިންއެއް އުފައްދާފައި ވަނީ އިނގިރޭސިވިލާތުގައި ހުންނަ ބޭސް ފަރުވާއަށް ޑްރަގް އުފައްދާ އެންމެ ބޮޑު ކުންފުނިކަމަށްވާ "ގްލެކްސޯސްމިތްކްލައިން" (ޖީއެސްކޭ) އިން ކަމަށެވެ. އަދި އެ ވެކްސިން ވަނީ ޖަނަވާރުންގެ ގައިގައި ޓެސްޓްކުރުމަށް ފަހު، އިންސާނުންގެ ގައިގައި ވެސް ޓެސްޓުތަކެއް ކުރުން އެމެރިކާގައި ފަށާފައިވާ ކަމަށް ވެސް އެނޫހުން ބުންޏެވެ.
އެމެރިކާގައި ހުންނަ ޔޫއެސް ނެޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތު (އެންއައިއެޗް) އާއި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިސީސް (އެންއައިއޭއައިޑީ)އާ ގުޅިގެން ފަށާފައިވާ އެޓްރަޔަލްގައި ބައިވެރިވެފައި ވަނީ 20 "ވޮލަންޓިއަރުން" ނެވެ. މިހާތަނަށް އެޓްރަޔަލް ވަނީ ކާމިޔާބުވެފައިވާ ކަމަށާއި އެޓްރަޔަލްގައި ބައިވެރިވި 35 އަހަރުގެ ޕީޓާ ހައްބާޑް ވަނީ ވެކްސިން ޖެހިތާ ދުވަސްކޮޅެއްގެ ތެރޭގައި މެރެތޮންއެއްގައި ވެސް ބައިވެރިވެފައި ކަމަށާއި އޭނާގެ ސިއްހަތު ވެސް ރަނގަޅުކަމަށް މެޓްރޯއިން ބުނެފައިވެ އެވެ.
"އަހަރެން ވަރަށް ރަނގަޅު. ތިރީސް މިނެޓެއްހާ އިރު ފަހުން އިންޖެކްްޝަން ޖެހިތަން ވެސް އަހަންނަކަށް ފާހަގަކުރާކަން ނޭނގުނު. މިދިޔަ އާދިއްތަ ދުވަހު އަހަރެން މެރެތޮންއެއްގައި ވެސް ދުވިން." އެބޯލާ ބައްޔަށް ފަރުވާއެއް ހޯދުމަށް އުފައްދާފައިވާ ވެކްސިނުގެ މައްޗައް އެމެރިކާގައި ހިންގާފައިވާ ތަހުލީލެއްގައި ބައިވެރިވި ޕީޓާ ހައްބާޑް މެޓްރޯއަށް ބުންޏެވެ.
އެމެރިކާގެ އިތުރުން ސްވިޓްޒަލޭންޑުގައި ވެސް އިންސާނުންގެ ގައިގައި އެވެކްސިން ޓެސްޓުކޮށް "ކްލިނިކަލް ޓްރަޔަލް"ތައް ފަށާފައިވާ ކަމަށް މީޑިއާގެ ރިޕޯޓުތަކުން ބުނެ އެވެ. އޭގެ އިތުރުން އިންގުލެންގައި ވެސް 60 "ވޮލަންޓިއަރުން"ނާ އެކު ޓްރަޔަލްތައް ފަށާފައިވާ ކަމަށާއި ދެކުނު އެފްރިކާގެ ގައުމެއްކަމަށްވާ މާލީގައި ވެސް 40 "ވޮލަންޓިރައުން"ނާ އެކު "ކްލިނިކަލް ޓްރަޔަލްތައް ފަށާފައިވާކަމަށް މީޑިއާ އިން ރިޕޯޓުކުރެ އެވެ.