ސަރުކާރުގެ އެކިއެކި ރަސްމިއްޔާތުތަކާއި ޖަލްސާތަކުގައި ބައިވެރިވަޑައިގެންނަވާ ދައުލަތުގެ އިސްވެރިންނާއި ކުރިން އެފަދަ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިތުރުން އެކިއެކި ލަގަބާއި ޝަރަފު އަރުވާފައިވާ ފަރާތްތަކުގެ ތަރުތީބެއް ކަނޑައަޅުއްވައިފި އެވެ.

އެ ބަދަލާ އެކު ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ރަސްމިއްޔާތުތަކާއި ޖަލްސާތަކުގެ ތެރެއިން، އެ ޖަލްސާ ހޯސްޓްކުރައްވާ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ ކަނާތް ފަރާތުގައި އިންނަވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

މީގެ އިތުރުން މިފަދަ ރަސްމިއްޔާތުތަކާއި ޖަލްސާތަކުގައި އަނބިކަނބަލުން، ފިރިކަލުން ބައިވެރިވެވަޑައިގަންނަވާ ނަމަ، އެ ބޭފުޅެއްގެ އަރިހުގައި އަނބިކަނބަލުން، ފިރިކަލުން އިންނަވާގޮތަށް ހަމަޖައްސާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން މިއަދު ނެރެފައިވާ ދެންނެވުމެއްގައި ބުނެފައިވާ ގޮތުގައި ސަރުކާރުގެ އޮފީސްތަކުން އިންތިޒާމު ކުރާ އެކި ކަންކަމުގައި، އެފަދަ ބޭފުޅުން ތަރުތީބު ކުރާނޭ ގޮތް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ކަމަށެވެ. އަދި މިބަދަލާ އެކު އެކަަން އެގޮތަށް ތަރުތީބު ކުރެއްވުމަށް ސަރުކާރުގެ އިދާރާތަކަށް ވަނީ ދަންނަވައިފަ އެވެ.

ތަރުތީބު ކުރައްވާފައިވާ އެ ލިސްޓްގެ އެއް ވަނައިގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނަން ފުޅެވެ. ދެވަނާގައި ރައީސްކަން ކުރައްވާފައިވާ ބޭފުޅުން ތިިއްބެވި އިރު ތިން ވަނަ އަށް ކަނޑައަޅާފައި ވަނީ ނިޝާން ގާޒީ އިއްޒައްތުގެ ޝަރަފް އަރުވާފައިވާ ބޭފުޅުންނެވެ. އެއަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. ނައިބް ރައީސަަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރެވެ. އަދި ހަތް ވަނައިގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބް ކަން ކުރައްވާފައިވާ ބޭފުޅުންނެވެ.

މި ލިސްޓުގެ ހަތް ވަނަ އަށް އައިސްފައި ވަނީ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިީލީހުގެ ނައިބް ރައީސްގެ އިތުރުން މިނިވަން މުއައްސަސާތަކުގެ އެންމެ އިސްވެރިންނެވެ. އެއަށް ފަހު ވަޒީރުން ފެންވަރުގެ މަގާމުތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ.

އެއަށް ފަހު ގައުމުތަކުގެ ޝަފީރުންނާއި ސްޓޭޓް މިނިސްޓަރުންނާއި އެފެންވަރުގެ ބޭފުޅުންނާއި ޗީފް އޮފް ޑިފެންސް ފޯސް އާއި ކޮމިޝަނާ އޮފް ޕޮލިސް އަދި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އަދި ހައިކޯޓުގެ ފަނޑިޔާރުން އެ ލިސްޓުގައި ވެ އެވެ. އަދި އެއަށްފަހު ނިޝާން އިއްޒުއްދީންގެ ލަގަބު ފަދަ ޝަރަފް އަރުވާފައިވާ ބޭބޭފުޅުންނެވެ.

ތަރުތީބުކޮށްފައިވާ މި ލިސްޓަށް ދެން އިތުރުވެފައިވަނީ ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ މިނިވަން މުއައްސަސާތަކުގެ ނައިބު ރައީސުންނާއި މެމްބަރުންނެވެ. އެއަށްފަހު ސުޕީރިއާ ކޯޓުތަކުގެ ގާޒީންނާއި މިނިސްޓަރުންގެ ނައިބް ފެންވަރުގެ ބޭފުޅުންނާއި ޕާމަނަންްޓް ސެކެޓްރީންނެވެ. އަދި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިންގެ ލަގަބު ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.

އެއަށްފަހު ޝަރަފްވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނާއި ގާނޫނު ތަކުގެ ދަށުން އުފައްދާފައިވާ މުއައްސާތަކުގެ އެންމެ އިސްވެރިންނެވެ. ދެން އެ މުއައްސަސާތަކުގެ ނައިބު ރައީސުންނާއި މެމްބަރުންނެވެ. މި ލިސްޓްގެ އެންމެ ފުލުގައި ހިމަނާފައިވަނީ ބޭރުގައުމުތަކުގެ ކޮންސިއުލޭޓްތަކަށް ކަނޑައަޅުއްވާފައިވާ ކޮންސަލުން އެއަށްފަހު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޗެއާމަނުންނާއި މެނޭޖިންގް ޑިރެކްޓަރުންނެވެ.

މި ބަދަލާ އެކު 29 އޭޕްރިލް 2013 ގައި ނެރުއްވާފައިވާ ރައީސް އޮފީހުގެ ނަންބަރު 18/2013 ދެންނެވުން ވަނީ ބާތިލުކުރައްވައިފަ އެވެ.