09 Nov 2014, 17:16
ބެއިޖިންގް (ނޮވެމްބަރު 9): އިރުމަތީ ޗައިނާ ކަނޑުގައިވާ ޖަޒީރާތަކެއްގެ މިލްކުވެރިކަމާމެދު ޗައިނާއާއި ޖަޕާނާ ދެމެދު އުފެދިފައިވާ އަރާރުންތަކާ ގުޅިގެން 2012 ވަނައަހަރު ދެގައުމުގެ ގުޅުންތައް ގޯސްވެގެން ދިޔުމަށް ފަހު ފުރަތަމަ ފަހަރަށް އެދެގައުމުގެ ޚާރިޖީ ވަޒީރުން ބެއިޖިންގައި ބައްދަލުކުރައްވައިފި އެވެ.
ބެއިޖިންގައި އިއްޔެ ނިމުނު އޭޕެކްގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ އަރިމަތީގައި ބޭއްވި މިބައްދަލުކުރެއްވުމަށް ފަހު ދެއްވި ބަޔާނުގައި ޗައިނާއާއި ޖަޕާނުގެ ޚާރިޖީ ވަޒީރުންވެސް ވަނީ މިއީ ދެގައުމުގެ ގުޅުންތައް ރަނގަނޅު ކުރުމުގެ ގޮތުން ބޭއްވި ކާމިޔާބު ބައްދަލުކުރެއްވުމެއް ކަމަށް ސިފަކުރައްވާފަ އެވެ. މިގޮތުން ދެގައުމުގެ ދެމެދުގައި އިތުބާރު އަލުން އުފެއްދުމަށްޓަކައި 4 ނުކުތާއެއްގެ މައްޗަށް އެއްބަސްވެ ވަޑައިގެންފައިވާ ކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ލީ އާއި ޖަޕާނުގެ ޚާރިޖީ ވަޒީރު ފޫމިޔޯ ކިޝީދާ ވިދާޅުވި އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ޗައިނާއަކީ ދުނިޔޭގެ ދެވަނަ އިގްތިސާދީ ބާރުކަމަށްވާއިރު ޖަޕާނަކީ ދުނިޔޭގެ ތިންވަނަ އިގްތިސާދީ ބާރެވެ. ދެވަނަ ބޮޑުހަނގުރާމައިގާ ޖަޕާނުން ޗައިނާއަށް ދީފައިވާ ގެއްލުންތަކުގެ ބަދަލު ހޯދުމުގެ މައްސަލައަކީވެސް ދެގައުމުގެ ގުޅުންތައް ބަދަހިކުރުމަށް އެޅިފައިވާ ހުރަހެކެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އިސްތިޢްމާރީ ބާރެއްގެ ގޮތުގައި ހަރަކާތްތެރި ޖަޕާނުން ޗައިނާގެ ރައްޔިތުންނަށް ބޮޑެތި އަނިޔާތަކެއް ދީ ޖަޕާން ސިފައިން ޖިންސީ އަޅުންގެ ގޮތުގައި ޗައިނާ އެތަށް ހާސް އަންހެނުން ގެންގުޅެ އެމީހުންގެ ޒުވާންކަމުގެ ނާޖާއިޒު ފައިދާ ނަގާފައިވާއިރު މިކަމުގެ ބަދަލެއްގެ ގޮތުން އެތަށް ސަތޭކަ ބިލިޔަން ޑޮލަރެއް ދިނުމަށް ޖަޕާނުގެ ކިބައިން ޗައިނާ އެދެ އެވެ.
ނަމަވެސް ޖަޕާނުގެ ދެކޮޅުހެދުންތަކުގެ ސަބަބުން މިމައްސަލަ މިހާރުވަނީ އޮބިގެން ގޮސްފަ އެވެ. އިއްޔެގެ ބައްދަލުވުމުގައި ދެގައުމުގެ ޚާރިޖީ ވަޒީރުން މިމައްސަލައާބެހޭގޮތުން މަޝްވަރާކުރައްވާފައިނުވާ ކަމަށް ޗައިނާގެ މީޑިޔާ ބުނެ އެވެ. (ނޫސްއެޖެންސީތައް)