27 Jan 2011, 13:27
ކ. ގިރާވަރު ފަޅުތެރެ އަށް މަހަށް ގޮސް އުޅުނު ދެ މީހެއްގެ ގަޔަށް ހޮނުއަޅައި، ވަރަށް ބޮޑަށް ފިހިއްޖެ އެވެ.
ފުލުހުން ބުނީ، އެހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 11:30 އެހާކަންހާއިރު ކަމަށާއި އަދި އެ ހާދިސާގައި ފިހިފައިވަނީ އުމުރުން 54 އަހަރުގެ މީހަކާއި 45 އަހަރުގެ މީހެއް ކަމަށެވެ. އޭގެތެރެއިން 54 އަހަރުގެ މީހާގެ ހަށިގަނޑުގެ ބޮޑުބައެއް ފިހި، ހާލު ސީރިއަސް ވެފައިވާކަމަށް ފުލުހުން ބުނެ އެވެ.
އަދި 45 އަހަރުގެ މީހާގެ ކަނާތުފައިގެ ފައިތިލަ ފިހިފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް، އެމީހުންނަކީ ކޮން ބައެއް ކަމެއް ފުލުހުން ނުބުނެ އެވެ.
ސަން އޮންލައިނަށް ކަށަވަރު ވެފައިވާ ގޮތުގައި ހޮނު އަޅާފައި ވަނީ ތ. ވިލުފުށީ، އަލީ އިބްރާހިމާއި ހއ. މުރައިދޫ މީހެއް ކަމަށްވާ އަބްދުއްރަހީމް އުސްމާން ކިޔާ މީހެއްގެ ގަޔަށެވެ. އަދި ހޮނު އެޅުމުން އެމީހުން ވަގުތުން ކަނޑަށް ވެއްޓިފައިވާ ކަމަށް ވެސް އެނގިފައިވެ އެވެ.
ހޮނުއަޅާފައި ވަނީ އެކެއްގެ ފޫކޮޅާ ދިމާލުން ތިރިއަށް ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ. އަދި އަނެއް މީހާގެ ހޮނުއަޅާފައި ވަނީ ބަނޑަށެވެ. އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމްގައި ފަރުވާދެމުން އަންނަ އެ ދެ މީހުންގެ ހަންގަނޑު، ހޮނުއެޅުމުގެ ސަބަބުން ނެއްޓިފައިވާ ކަމަށް ވެސްވެ އެވެ. އަދި އެ ދެ މީހުން ވެސް ތިބީ ވަރަށް ބޮޑަށް ބިރުގެންފައި ކަމަށްވެ އެވެ.