އިންޑިއާގެ ޓާޓާ ހައުސިންގެ އިސް ދައުރެއް އޮންނަ އެޕެކްސް ރިއަލިޓީ ކުންފުނިން މާލޭގައި ފަށައިގެން ވަކި ހިސާބަކުން ހުއްޓިފައިވާ ފްލެޓް އެޅުމުގެ މަޝްރޫއު ކުރިއަށް ގެންދަން ސަރުކާން ކޮށްދޭން ޖެހޭ އެއްވެސް ކަމެއް މިހާރު ނެތް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވެލާނާގޭ ޕްރެސް ރޫމްގައި މިއަދު ބޭއްވެވި ނޫސްކޮންފަރެންސެއްގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއު ކުރިއަށް ގެންދަން ވާންޖެހޭ އެއްބަސްވުން މިހާރު ވެފައިވާ ކަމަށެވެ.

"...މިހާރު މިޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ޓަކައި ސަރުކާރުގެ ފަރާތުން ކޮށްދޭން ޖެހޭނެ އެއްވެސް ކަމެއް ނެތް. ސަރުކާރުގެ ފަރާތުން މިހާރު މިވަނީ އެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ޓަކައި ދެފަރާތުގެ ދެމެދުގައި ވާން ޖެހޭ އެއްބަސްވުން ވެވި އަދި އެއްބަސްވުމުގެ ދަށުން ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ވެސް ކޮށްދީ ނިމިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެޕެކެސް ރިއަލިޓީ އިން މިހާރު މަސައްކަތް ފަށަން ޖެހިފައިވާ ކަމަށާއި ލަސްތަކެއް ނުވެ ފަށާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެޕެކްސް ރިއަލިޓީ އިން ގާ ކޮށީގައި އިމާރާތް ކުރަން ފަށާފައިވާ 198 ފްލެޓުގެ މަސައްކަތާއި ކުރީގެ އަރަބިއްޔާ ހުރި ބިމުގައި އިމާރާތްކުރާ 45 ފްލެޓުގެ މަސައްކަތް ހުއްޓިފައި ވަނީ 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.